އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގެ ކައިރީގައި އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވަން އުޅުނު މުޒާހަރާ އަށް ފުލުހުން ހުރަސް އަޅާ އެމްޑީޕީ ހަރުގެ ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ގެންދަނީ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދު ވަށައިގެން ބަންދުކޮށް މުޒާހަރާ ކުރުމަށް އެސަރަހައްދަށް މީހުން އެއްވުމަށް ހުރަސް އަޅަމުންނެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އައްޑޫގައި މުޒާހަރާ ކުރަން މަސައްކަތް ކުރީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލުމުގެ ގޮތުންނެވެ.

އެމްޑީޕީ ހަރުގެ ކައިރިއަށް މީހުން އެއްވުން ފުލުހުން ހުއްޓުވާފައި ވަނީ ސުލްހަވެރިކަމާއި އެކުއެވެ. އެސަރަހައްދަށް މީހުން އެއްވުން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކޮށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އަށް ފުލުހުން ހުރަސްއެޅިއިރު ވެރިކަން ކުރާ ޕީޕީއެމް އިން ހިތަދޫ ބޯޅަދަނޑުގައި އެއްވުމެއް ބާއްވަން ފުލުހުން މިއަދު ވަނީ ފުރުސަތު ދީފައެވެ. އެއެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވާ ގޮތައް ވަނީ ހަމަޖެހިފައެވެ.