އަންނަ އަހަރުގެ ވެސް އަމާޒަކީ އެމްޓީސީސީއާ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ނިންމަން ޖެހޭ ވަގުތަށް ނިންމުން ކަމަށާއި "ހިތު ހުރި ދުވަހަކު މަޝްރޫއުތައް ނިންމަން" ވަގުތެއް ނެތް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއްފަހަރާ 63 މަޝްރޫއެއް ކުރިއަށް އެބަދެއެވެ. އޭގެތެރޭގައި ހިމެނެނީ ރަށް ރަށުގެ މަގު ހެދުމާއި ބިން ހިއްކުމާއި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ މަޝްރޫއުތަކެވެ.

އެމްޓީސީސީން ހިންގަމުން އަންނަ މަޝްރޫއުތައް:

  • އެއާޕޯޓު އެޅުމުގެ ދެ މަޝްރޫއެއް
  • އިމާރާތް އެޅުމުގެ ތިން މަޝްރޫއެއް
  • ފުޓްބޯޅަ ދަނޑު ހެދުމުގެ އެއް މަޝްރޫއު
  • ބަނދަރުގެ ހެދުމުގެ 34 މަޝްރޫއު
  • ބިން ހިއްކުމުގެ އަށް މަޝްރޫއެއް
  • މަގުތައް ހެދުމުން ހަތް މަޝްރޫއެއް
  • ފެނާއި ނަރުދަމާ އެޅުމުގެ އެއް މަޝްރޫއު
  • ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ހަތް މަޝްރޫއު

"ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޓީސީސީއާ ހަވާލުކޮށްފައި ހުންނަ މަޝްރޫއުތައް ގަޑިއަށް ނިންމުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެހެންވެ، އަންނަ އަހަރު ވެސް މަސައްކަތް ކުރައްވާނީ އެ މަގުން ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި، އެމްޓީސީސީއާ މިހާރު ހަވާލުކޮށްފައި ހުރި މަޝްރޫއުތަކަކީ ވަރަށް އަވަހަށް ނިންމަން ޖެހޭ ފަދަ މަޝްރޫއުތަކެކެވެ. މިއިން ކޮންމެ މަޝްރޫއަކީ ރައްޔިތުން އެތައް ޒަމާނެއް ވަންދެން އިންތިޒާރު ކުރާ އަދި ނުނިމި ހުރުމުން އެތައް ތަކުލީފެއް އުފުލާ މަޝްރޫއުތަކެއް ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް މިހާރު ވަގުތެއް ނެތް ހިތު ހުރި ދުވަހަކަށް ނިންމަން ތިބެވޭކަށް،" މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމްޓީސީސީގެ ސީއީއޯ ކަމާ ހަވާލުވެވަޑައިގެންނެވި އާޒިމް ވިދާޅުވިއެވެ.

އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވި އާޒިމް ވަނީ އެމްޓީސީސީގެ މަސައްކަތްތައް ވީހާވެސް އަވަހަށް ރާވައި އިންތިޒާމުކޮށް ވަސީލަތްތައް އިތުރުކޮށް މީގެ މަންފާ ރައްޔިތުންނަށް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އެއީ ރައީސް ބޭނުންފުޅުވާ ގޮތް. އަޅުގަނޑުމެން އެގޮތަށް ރައީސްގެ އިރުޝާދާއެކީގައި ކުރިއަށް މިގެންދަނީ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވެސް ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ބޭނުމަކީ ރައްޔިތުންނާއި ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ކޮށްދެވެން ހުރި ކަމެއް ކޮށްދިނުމެވެ.

"އަޅުގަނޑު ކައިރީގައި ރައީސް ވިދާޅުވެފައި އެބައޮތް ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލާ ގުޅިގެން މަސައްކަތް ކުރާށޭ. އަދި ކައުންސިލުން އެދޭ ކަންތައްތައް އެމްޓީސީސީގެ ބަޖެޓުން ކޮށްދެވޭ ކަމަށްވާ ނަމަ އެކަމެއް ކޮށްދިނުމަށް. ރަށަކުން ފައިބާ އިރުގައި ޕްރޮޖެކްޓާ ދޭތެރޭގައި ހިތްހަމަޖެހޭ ވަރަށް، އެމްޓީސީސީއާ ދޭތެރޭގައި ހިތްހަމަޖެހޭ ވަރަށް ބަޖެޓު ތެރެއިން ކޮށްދެވެން އޮތިއްޔާ ބަޖެޓު ތެރެއިން ކޮށްދެވެން އޮތިއްޔާ ކޮށްދީފައި، ހިތްހަމަޖެހޭ ވަރަށް ކޮށްދީފައި ފައިބައްޗޭ ރައީސް ވިދާޅުވެފައި އޮތީ،" ރައީސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި މަސައްކަތްތައް ބާރުވެގެން މިދަނީ ރައްޔިތުންނާ ކައުންސިލްތަކުގެ ވެސް މަސައްކަތުންނެވެ. އަދި ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ފަދަ ތަންތަނުގެ އެއްބާރުލުމާއި އެހީތެރިކަން ވެސް އެމްޓީސީސީ އަށް ލިބެމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނާ

    އެހެންވެގެންދޯ އާދައިގެ ފަޅެއްހަދަން 3 އަހަރު ހޭދަތިކުރަނީ ހައިމާކަކާ ލޮރީއެއް ލައިގެންތަޅުވާލަ ތަޅުވާލަ މޫޅިރާއްޖޭގަ ފަސްފުނިޖަހަމުންތިޔަދުވަނީ ސިޔަސީ ބައިސާނުކަޑާ ހުރެބަލަ..

  2. ޑައެލޯގް

    ކަލޯމެނަށް ކަމެއްކުރެވުނަސްކުރެވޭނީ ރ. ޔާމީން ތިތަނަށް ހޯއްދެވި އެއްޗެތީގެ ސްޕީޑުގެ ސަބަބުންނެވެ. މަހާޖައްރާފް އެކަނިވެސް ފުދެއެވެ. ސުކުރިއްޔާ ރ. ޔާމީން