ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ)ގެ ގޮތުގައި ކަނޑައަޅާފައިވާ އަގުތަކާއި ބެހޭ ގޮތުން ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއާރްޕީ ކަނޑައެޅުމާއި ގުޅޭ ގޮތުން ހެލްތް މިނިސްޓްރީން އާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނީ ޑަކްޓަރީ ބޭހުގެ އެމްއާރްޕީ ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނާއި މިހާރުވާނީ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަސާސީ ބޭސްތަކުގެ އެމްއާރްޕީ ކަނޑައެޅުމުގެ ކުރިން، މިހާރު ކަނޑައަޅަފައިވާ އަގުތަކާ މެދު ފާމަސީ އަދި ބޭސް އެތެރެކުރާ ފަރަތްތަކުގެ ޝަކުވާ އެއް ވާނަމަ އެކަން ލިއުމުން މިއޮތޯރިޓީއާ ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިގޮތަށް ހުށައެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ ކަނޑައެޅިފައިވާ ގަވާއިދުގެ މަތިން އެބަދަލެއް ގެނެވޭނެ ކަމަށް ހެލްތުން ވަނީ ބުނެފައެވެ.

ހެލްތުން ބުނީ، މިހާރު ކަނޑައެޅިފައިވާ އެމް.އާރް.ޕީ ކަލްލިއުލޭޓް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފް.އޯ.ބީ އަގަށް 100 އިންސައްތަ މާކްއަޕެއް ހިމަނައިގެން ކަމަށާއި މިގޮތަށް އިންވޮއިސްގެ އެފް.އޯ.ބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފައިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓަރ އިންނެވެ.

ފާއިތުވި ފަސްއަހަރުގެ އިމްޕޯޓް މައުލޫމާތު ނެގި ނަމަވެސް، ކޮވިޑްގެ ހާލަތަށް ރިއާޔަތް ކޮށް 2020 އަދި 2021 ގައި އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފް.އޯ.ބީ އަގު ނަގާފައި ވަނީ މި ދެއަހަރުގެ މައުލޫމާތަށް ބިނާކޮށެވެ.

މި މަސައްކަތުގެ ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ އަންނަ އަހަރުގެ މެދުތެރެއިންނެވެ. ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް އެމްއާރުޕީ ތަންފީޒު ކުރާނެއެވެ.

އެމްއާރްޕީ ސިޔާސަތު ތަންފީޒްކޮށް ނިމޭއިރު ރާއްޖޭގެ އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް ވިއްކޭނެ އެންމެ މަތި އަގު ކަނޑައެޅިގެން ދާނެއެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ވެސް ލިބިގެންދާނެއެވެ.

އޭގެ ތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުން ކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވިގެން ދާނެ ކަމަށް ހެލްތުން ވަނީ ބުނެފައެވެ.