ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރު ޙުކުމާއި އެއްގޮތައް ސާބިތު ދަރަންޏެއް ނުދައްކާތީ މަގާމުން ވަކިވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުއާ ގުޅޭގޮތުން ކޮމިޝަނުގެ ސަމާލުކަމަށް ގެނެވުނު މައްސަލައެއް ބެލިބެލުމުން، ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުގެ ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް އަދާކޮށްފައިނުވާކަން އެނގިފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް ނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެކަމަކަށްވެފައި، އެއިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެ ފަނޑިޔާރަކު، ހުރި މަޤާމު ހުސްވީ ކަމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާތީ، އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުގެ ކިބައިން ފަނޑިޔާރުކަމުގެ ޝަރުތު އުނިވެއްޖެކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.
އެހެންކަމުން ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރު ހުންނެވި ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމު ހުސްވީކަމުގައި މިއަދު ބޭއްވުނު ޖޭއެސްސީގެ މިއަހަރުގެ 89 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.
މިއީ ސާބިތު ދަރަންޏެއް އޮވެ، އެދަރަނި ނުދައްކައިގެން މެޖިސްޓްރޭޓެއްގެ މަގާމު ގެއްލުނު ފުރަތަމަ ފަހަރެވެ.
ޢުއްމުއަށް ރިއްފަތު ލަނޑު ދިނީ ދޯ
އޭނާ އިދެވަރި ކޮށްފައި ވާމީހާއަށް ދަރިންގެ ޚަރަދު ނުދޭތީތޯ
ބޭނުން ވާ ވަކި ބަޔަކު ވަކި ކޮށް އެމްޑީޕީ މީހުންނަށް މަގާމް ތައް ދެނީ އެވެ.
އެކަމަކު، ވަކިކުރަން މަޖިލިސްއަށް ފޮނުވާންވާނެ ދޯ