ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި މިހާރު ހާހެއްހާ އާއިލާ ދިރިއުޅެމުންދާ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ ހިޔާ ފްލެޓުތަކަށް ބަދަލުވި މީހުންގެ އަދަދު މިހާރު 5،000 އަށް އަރާނެ ކަމަށެވެ. މިއިން ކޮންމެ އާއިލާއެއްގައި އެވްރެޖްކޮށް ފަސް މީހުން އުޅޭނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ އަސްލު އަދަދު ދެނެގަތުމަށް ސާވޭއެއް ކުރަން ނިންމާފައިވާ ކަމަށެވެ.

މި އަދަދުތަކާ އެކު، ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އުޅޭނެ ކަމަށް ބެލެވެނީ 70،000 އާއި 80،000 އާ ދެމެދުގެ އަދަދެއްގައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން 25 ބުރީގެ 16 ބިޔަ އިމާރާތް އަޅާފައިވާއިރު މި ހުރިހާ އިމާރާތެއްގައި ފުލް ކެޕޭސިޓީއަށް މީހުން ދިރިއުޅެން ފެށުމުން ޖުމްލަ އާބާދީ 35،000 އަށް އަރާނެއެވެ. އެއީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް އައްޑޫސިޓީ އަށްވުރެ ބޮޑު އާބާދީއެކެވެ.

މި ފްލެޓްތަކަކީ އެއްކޮށް ނިންމާފައި ހުރި ތަންތަނަށް ނުވީމަ، ފިނިޝިން މަސައްކަތް ނިންމައިގެން ނޫނީ އެ ތަންތަނުގައި ދިރިއުޅެން ނުފަށަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބިއެވެ. އެހެންވެ، ގިނަ ފްލެޓުތަކެއްގައި މިހާރު ނިންމަނީ ފިނިޝިން މަސައްކަތެވެ.

ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ދިން މުއްދަތުގައި އެ ތަނުގައި ގިނަ ބަޔަކު މިހާރު ދިރިވެސް އެބައުޅެއެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ފްލެޓަކުން ކުއްޔެއް ނުނަގާނެއެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގަން ސަރުކާރުން ނިންމި ނަމަވެސް ފިނިޝިން އަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑްގެ ތެރޭގައި އެ މަސައްކަތް ނުނިމިއްޖެ ނަމަ ކުލި ނުނަގާ މުއްދަތު އިތުރު ކުރަން ކަމާބެހޭ ފަރާތްތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ.

އެޗްޑީސީން މީގެ ކުރީގައި ބުނެފައި ވަނީ ހިޔާފްލެޓް ސަރަހައްދުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ތަފާތު ތަންތަން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަގުތައް ހެދުމާއި މަގުތަކުގައި ބައްތި ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެތެރެ

    މި ސަރުކާރު ފްލެޓުތަކައް ކުރަނީ ޖެއްސުން. މި ފްލެޓުތަކަކީ ވަރައް ބަރާބަރު ފްލެޓުތަކެއް

  2. ގުދުގުދާބެއްޔާ

    ދެން ދަތްޕިލަ އަތްމައްޗަށް ލައިގެން އުގުޅާލަ އުގުޅާލާ ތިބޭ! 33 ހާސް މީހުން ވަދެ ނިމުނީމައި ތިޔަ ސަރަހައްދައް މީހުން ދާން ބިރުން އުޅޭނީ!