މ.އަތޮޅު މުލީގެ ގެއެއްގައި ހުރި މަސް ބަދިގެއެއްގައި ރޯވި އަލިފާން ފެތުރި އެގޭގެ ކޮޓަރިއަކަށާއި ބައެއް ތަކެއްޗަށް ގެއްލުން ވެއްޖެއެވެ.

މުލީ ކައުންސިލްގެ މެންބަރަކު މިރޭ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 19:00 ކަންހާއިރު އަލިފާން ރޯވީ އެގޭގައި ވަކިން ހަދާފައިހުރި މަސްކައްކާ ބަދިގެއެއްގައި ކަމަށެވެ.

"އަލިފާން ރޯވީ އެގޭގެ މީހުން ދިރިއުޅޭ ބަޔާއި ވަކިން ހަދާފައި ހުރި މަސްކައްކާ ކުޑަ ބަދިގެއެއްގައި. އަލިފާން ރޯވީ މަސްކައްކަން އުދާފައި ހުއްޓާ. ނަމަވެސް އަލިފާން ރޯވިއިރު އެތަނުގައި މީހަކު ނެތް. ބަދިގެއަށާއި ގެއަށް ވަނީ ގެއްލުންތަކެއް ލިބިފައި. އޭގެ އެއްކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި." އޭނާ ވިދާޅުވިއެވެ.

ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ކޮޓިރީގެ އިތުރުން ދެފެންތާންގިއަކަށް ވެސް މިހާދިސާގައި ގެއްލުން ލިބުނެވެ.