ކ. ރަސްފަރި ފަރަށް އުރުނު ބޯޓުގެ ސަބަބުން އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއނަް ޑޮލަރު ބޯޓު ނިސްބަތްވާ ކުންފުނިން ސަރުކާރަށް ދައްކައިފިއެވެ.

ނެވިއޯ އަމަރީލިސް" އާގު ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދަތުރު ކުރަމުން އަންނަނިކޮށް ރާއްޖޭގެ ފަރަކަށް މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އުރުނު މައްސަލައިގައި ތަހުގީގަށް ފަހުގައެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 623 ފޫޓުގެ އާގު ބޯޓު ފުން ކުރެވުނީ ޓަގްބޯޓެއް ގެނެސްގެން ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ. ބޯޓު ފުން ކުރި އިރު، ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުރަކަތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށްވެއެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ރަސްފަރީ ފަރަށް އެރި ބޯޓު ފުންކޮށް ނިމުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އެމްއެންޑީއެފް ގުޅިގެން އެ ސަރަހައްދު ބަލައި ސާވޭ ކުރިއިރު ފަރުގެ 8،867 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ބޯޓުގެ ވެރިފަރާތުން ވަނީ ޖޫރިމަނާ ކުރި މައްސަލަ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއަށް އިސްތިއުނާފު ވެސް ކޮށްފައެވެ. އެހެން ނަމަވެސް މިނިސްޓަރު އެ މައްސަލަ ބައްލަވައި ވަނީ އީޕީއޭ ގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތްކަމަށް އަންގާފައެވެ.

ބޯޓުގެ ވެރިފަރާތާއެކު މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސް އަދި ޓްރާސްޕޯޓު އޮތޯރިޓީން ކުރި މަޝްވަރާތަކަށް ފަހު ޖޫރިމަނާ ފައިސާ އާއި ކ. ރަސްފަރީ ފަރަށް ގެއްލުން ލިބުނު ސަރަޙައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭ ގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ) ވަނީ އެމްއެމްއޭގެ ޕަބްލިކް ބޭންކުގެ އެކައުންޓަށް ޖަމާކޮށްދީފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ހޯދުނު ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ސަރުކާރާއި ބޯޓުގެ ވެރިފަރާތާއެކު އެއްބަސްވި ގޮތަށް ފައިސާ ދައްކާފައިވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަރަނި

    އެއްފަހަރުން ސަރުކާރު މުއްސަނދިވީ.

    6
    1
  2. ފަރު

    ތީއީ ކަނޑު ފޭރުން! ޙަރާން ގޮތުގަ ދައުލަތައް ފައިސާ ހޯދުން ތިޔަކީ

  3. ދިވެހިން

    ކޮބާހޭ ތިލާރި ކޮޅު؟

  4. ގައުމީ

    ޔާންޓޭ އެކައުންޓަށްބާ ޖަމާވީ؟

  5. ައާޗާ

    ތިޔަ ފައިސާއިން (ފަރު ހަލާކުވި ތަނުގައި) އާ މުރަކަ އިންދަނީތަ؟ ތިޔަށްވުރެ ގިނަ ފައިސާ ފޭރިގަތަސް ފަރަށް ވީ ގެއްލުން ހައްލު ވާނެތަ؟ ތިޔަ ފައިސާއަށް ދެން ހަދަނީ ކިހިނެއް؟؟

  6. މުހައްމަދު

    ތީ ހަމަ ބޮޑެތި މީހުން ޖީބައް ދާ ފައިސާ