ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ގާއިމު ކޮށްފައިވާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި މަސައްކަތް ކުރުމަށް ރިލިޔަސް ޕްރޮގްރާމް ކޯޑިނޭޓަރަކު ހޯދަން ހޯމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެއްއަހަރު ދުވަހުގެ ކޮންޓެކްޓެއްގެ ދަށުން އަދާކުރާ މިވަޒީފާގައި މުސާރައިގެ ގޮތުގައި މަހަކު -/25000 ރުފިޔާ ލިބޭނެއެވެ.

ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރަކީ، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ ޢާއިލާގެ މެންބަރުންނަކީ، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ ޢަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ ޢަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ބެލުމަށާއި، އެ ފަރާތްތަކަކީ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި، އެމީހުން މުޖްތަމަޢަށް އަނބުރާ ރުޖޫޢަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެމީހުން ދިވެހިރާއްޖެ އައުމާއެކު، ވަގުތީ މަރުކަޒެއްގައި އެމީހުން ބަންދުކުރަންވާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާތީ ގާއިމުކުރި މަރުކަޒެކެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރިލިޖަސް ޕްރޮގްރާމް ކޯޑިނޭޓަރުގެ ޒިންމާތަކުގެ ތެރޭގައި ނެޝަނަލް ރީ-އިންޓެގްރޭޝަން ސެންޓަރުގެ ބެލުމުގެދަށުގައި ތިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކަކީ ކޮބައިކަން ދެނެގަނެ މިނިސްޓްރީގެ ލަފާގެމަތީން އެފަދަ ޕްރޮގްރާމްތައް ފަރުމާކޮށް ރާވައި ހިންގުން ހިމެނޭނެ ކަމަށެވެ.

އޭގެ އިތުރުން ނެޝަނަލް ރި-އިންޓެގްރޭޝަން ސެންޓަރުގެ ފަރާތުން ހިންގާ އެހެން ޕްރޮގްރާމްތަކުގައި ހިމެނެންވާ ދީނީ ބައިތައް ދެނެގަނެ މިނިސްޓްރީގެ ލަފާގެމަތީން އެފަދަ ޕްރޮގްރާމްތައް ފަރުމާކޮށް ރާވައި ހިންގުން ވެސް ހިމެނެއެވެ.

އަދި ނެޝަނަލް ރި އިންޓެގްރޭޝަން ސެންޓަރުން ހިންގާ ޕްރޮގްރާމްތަކުގައި ހިމެނޭ ދީނީ ބައިތަކަށް ގެންނަންޖެހޭ ބަދަލުތައް ޤަވާއިދުން މުރާޖަޢާކުރުމުގައި މިނިސްޓްރީއަށް އެހީތެރިވެދިނުމާއި ޕްރޮގްރާމުތައް ހިންގުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް މިނިސްޓްރީގެ ލަފާގެމަތީން ތައްޔާރުކުރުން ވެސް ހިމެނެއެވެ.

ރިލިޔަސް ޕްރޮގްރާމް ކޯޑިނޭޓަރުގެ މަގާމަށް ކުރިމަތިލާ މީހަކީ އިސްލާމީ ތަޢުލީމުގެ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައި ވުމާއެކު އިސްލާމީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާއެއްގައި މަދުވެގެން ތިން އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާ ދީނީ ނަޞީޙަތް ދިނުމުގެ ހުއްދަ އޮންނަ ދިވެހިބަހާއި ޢަރަބި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ މީހަކަށް ވެސް ވާން ޖެހޭނެއެވެ.