ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދިޔަ ހިދުމަތްތައް ދެމުން ގެންދާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން ކަމުގައި ހަމަޖެހިގެންދާނެއެވެ.

މީގެއިތުރުން މި ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހާ މުދަލާއި ފައިސާ އާއި ވަސީލަތްތަކާއި ދައުލަތުގެ ބަޖެޓުން ޓްރާންސްޕޯޓް އޮތޯރިޓީ އަށް އެކަށައަޅާ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ފައިސާ އާއި ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީ އަށް ލިބިދޭ ހައްގުތަކާއި މަންފާތައް އަދި އެ އޮތޯރިޓީން އަދާކުރަން ޖެހޭ އެންމެހައި އިލްތިޒާމުތައް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލުވާނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

ރައީސް ސޯލިހް، މި ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.