މިނިސްޓްރީ އޮފް ހެލްތުން އިސްނަގައިގެން އޮސްޓުރޭލިއާގެ އެވޯޑްސް ގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ޕެރަމެޑިކް ސްކިލްސް ޑިވެލޮޕްމަންޓް ޓްރައިނިން ޕުރޮގްރާމެއް ފަށައިފިއެވެ.

ޕެރަމެޑިކް ސްކިލްސް ޑިވެލޮޕްމަންޓް ޓުރައިނިން ޕުރޮގްރާމް ފެށުމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބުރާހިމްއެވެ.

ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބު ކުރައްވައި މިނިސްޓަރ ނާޒިމް ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާޢްޖޭގެ ހެލްތު ސެކްޓަރު މިއަދު ފުޅާވަމުން ދާއިރު އިންފްރާސްޓުރަކްޗާ އަށްވެސް ބޮޑެތި ހޭދަތަކެއް ކުރަމުން ދާއިރު އެކަމަށް ބޭނުން މީހުން ތަމްރީނު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބެއްވި ރަސްމިއްޔާތުގެ ތެރެއިން -- ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

"ހާއްސަކޮށް އެމެޖެންސީގައި މީހުންނަށް އެެޓެންޑް ކުރުމުގެ ދާއިރާއަކީ އެންމެ ރަގަޅަށް މަސައްކަތް ކުރެވޭ ދާއިރާއެއް ނޫން. ވުމާއެކު މިދާއިރާ ހަރުދަނާކުރުމަށް މިފަދަ ތަމްރީން ޕްރޮގްރާމް ހިންގަންޖެހޭ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރ އެ ރަސްމިއްޔާތުގައި ބައިވެރިންނާ މުހާތަބު ކުރައްވާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި މި ޕުރޮގްރާމުގެ ބައިވެރިން ދަސްކުރައްވާ ފިލާވަޅުތައް އެންމެ ރަގޅަށް އަމަލީ މައިދާނުގައި ބޭނުން ކުރުމަށް ނަސޭހަތްތެރި ވެފައެވެ،

ހެލްތު މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި މި ޕުރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ ރާޢްޖޭގެ ހުރިހާ އަތޮޅެއްގެ ހޮސްޕިޓަލުތަކާއި އައި.ޖީ.އެމް.އެޗް އަދި ހުޅުމާލެ ހޮސްޕިޓަލު ހިމެނޭ ގޮތަށް ޖުމްލަ 25 ބައިވެރިން ބައިވެރި ކޮށްގެންކަމަށެވެ.

މި ޕުރޮގްރާމް ދެ ބަޔަކަށް ބަހައިލައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވާއިރު ތިން ހަފްތާގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާ ޕުރޮގްރާމުގައި ކިޔަވައި ދެއްވަނީ އޮސްޓުރޭލިއާގެ ކަމާގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުންކަން ފާހަގަކޮށްލެވެއެވެ.