ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި އަޅާ ޓިވެޓް ސެންޓަރު އިިމާރާތް ކުރުމަށްޓަކައި ޓެންޑަރިންއަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތައް ނިންމައި ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑާއަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ ސެންޓަރު އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 38,328 އަކަފޫޓްގެ ޖާގައިގައި ކަމަށެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި އިމާރާތް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައި ދިނުމަށް ބޭނުން ކުރާނެ ބްލޮކްތަކާއި އެކްޓިވިޓީ އޭރިއާއެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ.
އަލިފުށީ މި ޓިވެޓް ސެންޓަރުގެ ފަރުމާ ހާއްސަ ކޮށްފައިވަނީ ބޯޓް ބިލްޑިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެކަމަކު ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި ސެންޓަރުގައި ހިންގުމަށް މަގުފަހިވާނެއެވެ.
މިނިސްޓްރީން ވިދާޅުވީ މި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައި. ސީޓީ ލެބޯޓަރީއެއް ހުންނާނެ ކަމަށެވެ.
އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މި ސެންޓަރު ގާއިމްކުރެވޭ އިރު، ދަރިވަރުން ބޭތިއްބުމަށް، ފަންސާސް އަށް ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިން އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ.
މީގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.
މި ޕްރޮޖެކްޓާ ގުޅުންހުރި ކުރެހުންތަކާއި ތަފްސީލީ ލިޔުންތަކުގެ ސޮފްޓްކޮޕީ ޕްލޭނިންގެ ވެބްސައިޓުގައި ވަނީ އާއްމުކޮށްފައެވެ. ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.
ބިގޭ ސެންޓަރުދޯ.. ދެން އެއާޕޯޓުއަޅާ