މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ދޭން ޖެހޭ ފައިސާއިން 38.4 މިލިއަން ރުފިޔާ, އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ, 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ މިހާރުވަނީ އަތޮޅު ކައުންސިލްތަކަށް ދޫކޮށްފައި ކަމަށެވެ.

އެއީ 2016 ވަނަ އަހަރަށްވާ 17.9 މިލިއަން ރުފިޔާ އާއި 2017 ވަނަ އަހަރަށް 20.5 މިލިއަން ރުފިޔާއެވެ.

އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާތީ ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ބައެއް އިދާރާތަކާ ވެސް ބައްދަލުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި މާލޭގެ ލޭންޑް ޔޫސް ޕްލޭންގައި ވަނީ މި އަތޮޅު ފިހާރަ ބަރި ބުޓިކް ޝޮޕްތަކަކަށް ބަދަލު ކުރަން ނިންމައިފައެވެ.