ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކ. މާފުއްޓަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ސޯލިހް މާފުއްޓަށް ވަޑައިގަންނަވަނީ އެ ރަށުގައި އަލަށް ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

އަދި ސަރުކާރުން މާފުށީގައި ގާއިމު ކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ރައީސްގެ މި ދަތުރުފުޅުގައި މާފުށީ ޖަލަށާއި މާފުށީ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅުގައި މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.