ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގެ ކެމްޕޭނަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާނެ ކަން އެނގިއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން މިއަދު ވަނީ އެ ދާއިރާއަށް ފުރާވަޑައިގެންފައެވެ. ޓްވިޓާ މެދުވެރިކޮށް މި ކަން ހާމަ ކުރެއްވީ، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި އޭނާގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އާއި، ޕީއެންސީގެ ނައިބު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި، މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވެސް ހުންނެވިއެވެ.

އާދަމް ޝަރީފް ލިޔުއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމުގައިވާ، ށ. ކޮމަންޑޫއާއި، އެ އަތޮޅު ފޯކައިދޫއާއި މަރޮށްޓަށް ވެސް އެ ދަތުރުގެ ތެރޭ ވަޑައިގަންނަވާނެ ކަމުގައެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕޭން ހަރަކާތްތަކާ ގުޅޭ ގޮތުން "ވަގުތު" އިން އިތުރު ސުވާލުތަކެއް ކުރުމުން އޭގެ ޖަވާބުގައި އޭނާ ވިދާޅުވީ ރައީސް ޔާމީން ވެސް އަދި އެ ދާއިރާއަށް ވަޑައިގަންނަވާނެ ކަމުގައެވެ.

"އަޅުގަނޑުމެން ތާރީޚެއް ފަހުން އާންމު ކުރާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވަނީ މޫސާ ފަތުހީއެވެ. އެއީ ށ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރިން ކޮމަންޑޫ ކުޑަ ކަތީބުކަން ކުރެއްވިއިރު، އެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.

ފަތުހީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާލިދު

    ޝުކުރިއްޔާ ރައީސް ޔާމީން ވަޑައިގަންނަވާ މަނިކުފާނުންގެ މަސައްކަތުގައި ބަރަކާތްލައްވާށި

  2. ހުވަދު އަތޮޅުން:- ދޮން އަހައްމަދާގެ މުކުރިޔާ އަދި ދޮން އަހްމަދު އާބެ

    ހިތްވަރާއި ފަންވަރާއި ބުންވަރު ހުންނެވި ރައީސް އަށް އައްސަރިބަހާއި ސާބަސް. 2023 އިންޝާ ﷲ ރައީސް ޔާމީންގެ ޒަޢާމަތުގައި މިދިވެހި ވަޠަން އާފަތިހަކަށް އަލިވިލޭނެ މަގު ތަނަވަސްކޮށް ދެއްވާށި. އާމީން.