އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުން އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން ޖެނުއަރީ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ.

އޭސީސީގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖަނަވަރީ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ. އަދި، އެ އޮފީހުގެ ވެބްސައިޓު presidency.mv އިން ފޯމާއި އިގްރާރު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

އޭސީސީގެ މެންބަރުން މެންބަރުން އިސްތިއުފާ ދެއްވުމަކީ ވަނީ އެ މެންބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ ކޮމިޝަނުން މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލި ގިނަވެފައި ހުރި ކަމަށާއި އެކަން އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުން ވެސް އެކަން ފެންނަން އޮތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ތަކުރާރުކޮށް ހާޒިރުކޮށް، ކަންކަން ރަނގަޅު ކުރަން ދިން މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅުކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ.

އޭސީސީގެ މެންބަރުން އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އިސްތިއުފާ ދެއްވި މެމްބަރުންނަކީ ޝިއުނާގެ އިތުރުން ނައިބު ރައީސް ފާތިމަތު އަނޫލާ، އަދި މެންބަރުންގެ ގޮތުގައި ތިއްބެވި އައިޝަތު އަބްދުﷲ އާއި އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަވާސާ އިބޫ

    ޕާޓީން ބުނާގޮތަކަށް ރިޕޯޓު ތައްޔާރުކޮށްދޭނެ ބަޔަކު ހޯދައިފައި ލީމާ ރަގަޅުވާނެ ނޫނީ ނަސީދު ބުނާބަޔަކު ލީމާ ރަގަޅުވާނެ ކޮންމެހެން އިއުލާނުކޮށްގެން ވަގުތު ބޭޒާރު ކުރާނެކަމެއްނެތް!

  2. 1މުރާލިދޮންބެ ގެ ހަކީމް

    އަލަށް ހުވާ ކުރާނެ ކަމަށް ލަފާ ކުރާ

    ޝިފާ (ކުރީގެ މޭޔަ)
    ޒަރިޔަންދު
    ިއިތުރަށް އެމްޑީޕީގެ އެކްޓިސްޓުންނަށް ލިސްޓުގައި ޖަހަމުން ދަނީ