އާއްމު މަސްލަހަު ގެއްލޭ ގޮތަށް ކެމްޕެއިން ހަރަކާތްތައް ނުހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން ކެންޕޭނުކޮށް ތާއިދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ފުރައްސާރަކޮށް އެ ފަރާތްތަކުގެ އަބުރު ގެއްލޭފަދަ ކަންކަންކުރުމާއި މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަފަސާދަ އުފެދި އާއްމު މަސްލަހަތު ގެއްލޭ ގޮތަށް ކެމްޕެއިންގެ ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބާ ގުޅިގެން ކެންޕޭނުކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ވެސް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކަކީ އަމާން ކަމާއި އޮމާން ކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަކަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކަށް އިހްތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް އެޗްއާރްސީއެމް އިން ވަނީ ގޮވާލާފައެވެ.

އެޗްއާރްސީއެމް އިން މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުޅުމާލެ އަށް އިއްޔެ ވަޑައިގެންނެވުމުން ބަޔަކު ވަނީ ހަމަނުޖެހުން ހިންގާ އިބޫ އަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ.

މީގެއިތުރުން އިއްޔެ ހުޅުމާލޭގައި ހަރަކާތްތެރިވި އެމްޑީޕީގެ އިސް ބޭފުޅުންތަކެއްގެ ގަޔަށް ކަޅުތެޔޮ ވެސް ވަނީ ޖަހާފައެވެ.