ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިން އިސްމާއީލް ޔާފިސްގެ މައްޗަށް ހިނގާ ޝަރީއަތުގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލްވެއްޖެއެވެ.

ހ.ލައިޓްނައިޓް، އިސްމާއީލް ޔާފިސްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ، ނިރުބަވެރި އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާ، އަދި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ދައުވާއެވެ.

މިއަދު ހެނދުނު 9:00 އަށް ޔާފިސްގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްވެފައިވާ ކަން ކްރިމިނަލް ކޯޓުން މިހާރު ވަނީ އަންގަވައިފައެވެ. އެ ކޯޓުން ވިދާޅުވި ގޮތުގައި، އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އިދާރީ ސަބަބުތަކަކާއި ހުރެއެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. އެ ދުވަހުގެ ޝަރީއަތުގައި ޔާފިސްގެ ނަފްސާނީ ސިއްޚީ މައްސަލަތަކެއް ހުރި ކަމާއި އެ ކަމަށް ފަރުވާ ހޯދާފައި ހުރިކަމަށް ވަނީ ބުނެފައެވެ.

އެހެންވެ މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ފަހްމީ ނިންމެވީ، ޔާފިސްގެ ގާނޫނީ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ފުރަތަމަ ކަމަކަށް އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށެވެ. އެކަން ދެނެގަނެވެން ދެން ޝަރީއަތުގެ އެހެން މަރުހަލާތައް މަޑުޖައްސާލަން ގާޒީ ނިންމެވިއެވެ.

ޔާފިސް ފާހަގަ ކުރި ކަމަކީ 2013 ވަނަ އަހަރުހާ ހިސާބުގައި އޭނާ ނަފުސާނީ ބައްޔެއް ކަމުގައިވާ "ސްކިޓްސްފްރީނިއާ" އަށް ފަރުވާ ހޯދިއެވެ. އަދި ޑިސެމްބަރު 2020 ގައި ނަފުސާނީ ދަތިތަކެއް ދިމާވެގެން ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހަމަހިމޭނުން ޖަވާބު ދެމުން ދިޔަ ޔާފިސް މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ވާހަކަ ނުދައްކައި ހުރުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

އޭގެ ކުރިން ބަންދުގެ މުއްދަތަށް ހާޒިރު ކުރި އަޑުއެހުމެއްގައި ނަޝީދަށް މަރުގެ އިންޒާރުދީ އަޑުގަދަކުރުމުން ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 30 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުރި ނަމަވެސް ބަންދުގެ މުއްދަތު މިހާރު ގުނަމުން ދަނީ ޖަލު ހުކުމަށެވެ.

ކިޔުންތެރިންގެ ހިޔާލު