ފޮތްތަކުގައި ލިޔެފައި ހުންނަ ކީރިތި ގުރުއާނުގެ އާޔަތްތަކުގައި ކުށް ހުރިތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ކޮމިޓީ އެކުލަވާލާފައިވަނީ ގުރުއާން ހިތުދަސް، އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ ބައެއް އިލްމުވެރިން ހިމަނައިގެން ކަމަށެވެ.

މި ކޮމިޓީ އެކުލަވާލައްވައި ކޮމިޓީގެ މެންބަރުންނާއި އިސްލާމިކް މިނިސްޓާ، ޑރ.އަހުމަދު ޒާހިރު މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާނެގޮތާމެދު މަޝްވަރާކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ މިފަދަ ކޮމިޓީއެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ކީރިތި ގުރުއާނުގެ ކަރާމާތްތެރިކަން ރައްކާތެރި ކުރުން ކަމަށެވެ.

ގުރުއާން ލިޔެ ޗާޕްކޮށްފައި ހުންނަ ބައެއް ފޮތްތަކުން ކުށް ފާހަގަ ކުރެވުމާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ބައެއް މައްސަލަތައް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ.

ސްކޫލް ދަރިވަރުންގެ ގުރުއާން ޓެކްސްޓް ފޮތުގައި އާޔަތްތައް ނުބައިކޮށް ލިޔެވިފައި ހުރުމުން އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރީ ޓެކްސްޓް ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރާށެވެ. އެކަން އެގޮތައް ކުރުމަށް ނިންމި ނަމަވެސް ފަހުން ފާޑުކިޔުންތައް އަމާޒުވުމުން އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުން ވަނީ ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިނިސްޓަރެވެ. ތިޔަ ކޮމިޓީން ބަލައި ޗެކްކުރުމަށްފަހު ފޮތްތައް ޗާޕުކުރެވޭ ފަހުން ކުށް ފެނިއްޖެނަމަ، ޒިންމާވާނީ ކާކުތޯއެވެ؟ ފޮޓޯއިން ފެންނަނީ ޢިލްމުވެރިންނެވެ. ތިވަރުގެ ބޮޑު ކަމެއް ކުރާއިރު ތަންޤީދީ ނަޒަރަކުން ޗެކްކޮށް ބަލައި ކުށް ހޯދޭވަރުގެ ފަންނީ މާހިރަކު ފޮޓޯއިން ނުފެންނަކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ވެސް ފޮތްތައް ބަލައި ޗެކްކޮށްފައިވަނީ ޢިލްމުވެރިންނޭ ކިޔާ މީހުންނެވެ.

  2. ބޮޑުވަޒީރު

    ތިޔަގޮތަށް އިސްލާމްދީނާ ފުށުއަރާ ހުތުރު ލަދުވެތި މަންޒަރުތައް ހުންނަފޮތްޗާޕްކުރުމުގެ ކުރިން ފާސްކުރަން ފޮނުވާނެ ކޮމިޓީއެއްވެސް ހަދާބަލަ .

  3. ކާސިންޖީ

    ފޮތްތަކުގައި ހުންނަ ބަދުއަޚްލާޤީ މަންޒަރުފެންނަ ފޮޓޯތަޢް ފާސްކުރުމަށް ވެސް ކޮމިޓީއެއް އެކުލަވާލަންވީނު

  4. ޒާ

    ގްރޭޑް ނިންމާ ކުންޏާއެކު އުކާލާ ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރާށޭ. ޣުރުއާނަށް އިހާނެތި ނުވާށޭ