އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ނެންގެވުމާއި އެކު "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް ހިންގަވަނީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ބޭނުންވާތީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ހިންގާ ހަރަކާތް "އިންޑިއާ އައުޓް"އަށް ދިވެހިންގެ ތާއީދެއް ނެތް ކަމަށް ވިދާޅުވެ އެ ހަރަކާތް ޖެހޭނީ ހުއްޓާލަން ވެރިކަން މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފައެވެ.

ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަހްމަދު ޝިޔާމް "ވަގުތަށް" ވިދާޅުވީ ނަޝީދު އެހެން ވިދާޅުވިޔަސް މި ހަރަކާތުގެ މައިގަނޑު ބައިވެރިންނަކީ އާންމު ދިވެހި ރައްޔިތުން ކަމަށެވެ.

"މިއީ ސިޔާސީ ޕާޓީއަކަށްވުރެ ރައްޔިތުންގެ ކަންބޮޑުވުމެއް. ރައްޔިތުންގެ ވިސްނުން، ގައުމުގެ މިނިވަންކަމަށް ހުރި ގޮންޖެހުންތައް ހުރަސްކުރުން ނޫން ގޮތަކަށް ނުހުންނާނެ." މި ހަރަކާތް ހުއްޓުވޭނީ ދިވެހި ފަސްގަނޑުން އިންޑިއާ ސިފައިން ފޭބި ދުވަހަކުން ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ލަންކާގައި ވަޑައިގެން، އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ އައުޓް ކެމްޕޭނާއި ގުޅިގެން ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރާއްޖެއާ އެންމެ ގުޅޭ އަދި ރާއްޖޭގެ އެންމެ އިސް ދައުރެއް އަދާކުރެވޭނެ ގައުމަކީ އިންޑިއާ ކަމަށެވެ.

އެ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އޮތްއިރު، ރާއްޖޭގެ ސަގާފަތާއި ތާރީހީ ގުޅުންތައް ގުޅިފައި ވަނީ އިންޑިއާއާ ކަމަށާއި އެހެންކަމުން ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އަބަދުވެސް "އިންޑިއާ ފަސްޓް ޕޮލިސީ" ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާއާ މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ސަރުކާރުން ނިންމިއިރު، އިންޑިއާއިން ހަދިޔާކޮށްފައިވާ ތިން އުޅަނދެއް ބަލަހައްޓަން އިންޑިއާ ސިފައިން ތިބެއެވެ. އެއީ ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރަކާއި، އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރަކާއި، ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާ ބޯޓެކެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އިންޑިއާއަކީ އަސްކަރިއްޔާ ބޮޑު ކުރަން ދުނިޔޭގައި ވެސް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ގައުމެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާ ދެމެދު ބޮޑު ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވެއްޖެނަމަ ރާއްޖެއަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމުގައި ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ހަމީދު

  ދިވެހި ރައްޔިތެއްގެ ހައިސިޔަތުން ކަންބޮޑުވޭ އިންޑިއާ މިލިޓަރީ ރާއްޖޭގަ ތިބޭތި.

  15
  1
 2. ކޮލި

  އަޅެ މިވެރިން އައުޓް ކޮށްދީބަލަ ...... މިވެރިންމިއުޅެނީ އައުޓްނުވެގެން !

 3. އެސް އެމް އެސް

  ޤައުމު ދަވާލައިގެން އުޅޭ ވަކި ބައިގަނޑެއް ހިންގާ ހަރަކާތަކަށް މުޅި ޜައްޔިތުންގެ ޙަރަކާތެކޭ ނުކިޔޭނެ. ވަގުން ވައްކަން ކޮށްގެން ސަލާމތްވެވޭނީ މިއަދު. މާދަމާ ހަދާނެ ގޮތެއް ހޯދާތި

  8
  6
  • ެއެމްޑީޕީ

   ތިބުނީ ކެނެރީގޭ ނަޝީދު ވައްކަންކޮށްގެން ރ އަތޮޅޫ އަނގޮޅިތީމަށް އަރުވާލިވާހަކަދޯ؟ ރަނގަޅު

 4. Anonymous

  ބަރާބަރު ވާހަކައެއް. ނުހުއްޓުވޭނެ. ގައުމުގެ ގައްދާރުން އެއުޅެނީ ހޭބަލިވެގެން.

 5. Anonymous

  އެ ގައްދާރުން އެފާޑަށް ތެޅެން ބައިތިއްބާ! 90 ޕަސެންޓް އަށްވުރެ ގިނަ ރައްޔިތުން އެދޭނީ އިންޑިޔާ މިލިޓަރީ ބޭރުކުރަން. އެމީހުން މޫނުބުރުގާއާއާ އިންޑިޔާއާ ހިތާވުމަކީ މިސަރުކާރުގެ ވެއްޓުމަށް ވެގެންދާނީ. އިންޝާﷲ.

  5
  1
 6. އަޙުމަދު

  މުޅި ގައުމު ގައި ހުޅުޖަހައި ދައުލަތުގެ މުދަލާއި ފައިސާ އިން ވައްކަންކޮށް ކުންފުނިތަކުގެ ހިއްސާ ނު އަގުގައި ވިއްކާ ފައި ދީނަށް ފުރައްސާރަ ކުރުމަށް ފުރުސަތު ފަހިކޮށް ދިން މީހުންނަށް ރައްޔިތުން ގެ ނަމުގައި ވާހަކަ ދައްކާ އިރު އެހެން މީހުންނަށް ނޯންނާނެ ކަމަށް ދެކެނީ ކޮންގޮތަކަށް، ދިރި ހުރި ފަނޑިޔާރަކު ރަހީނުކޮށް ނިޒާމުން ގެއްލުވާލި މީހުންނަށް އެކަނި ތޯ ބަސްބުނުގެ ހައްގު އޮތީ. ހާދަ ހެއްވާ ވިސްނުމެއްތީ.

 7. ރެސިޕީ

  އިންޑިއާއައުޓްހަރަކާތުގެ ރައީސް އޮނަރަބަލް ޔާމީނު އައުޓް !!

  2
  6
 8. ާާަަޢަލީ

  އިންޑިއާ އައުޓް ނުހުއްޓުވޭނެ

 9. އިބްރާހިމް

  ﷲއިރާދަކުރެއްވިއްޔާ އިންޑިއާ އެމްބަސީއާއި އިންޑިއާ ބޭންކާއި އިންޑިއާ މިލިޓަރީ އެއްކޮށް ރާޢްޖެއިން ބޭލޭނެ. އިންޑިއާއިން ސާމާނު ރާއްޖެގެނައުން އެއްކޮށް ހުއްޓާލައިގެންނޫނީ ރާއްޖެއިން މަސްތުވާތަކެތީގެ ބަލާވެރިކަންވެސް މައިތިރި ނުކުރެވޭނެއެވެ. އަދި ރާއްޖެ ތަރަށްޤީކުރަން ބޭނުންނަމަ އިންޑިއާއާއިއެކު އޮތް ގުޅުން އެއްކޮށް ކަނޑާލަންޖެހޭ. އިންޑިއާ ކަންބޮޑުވަނީ ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް އަޅަ އަހަރަކު 28މިލިއަން ކޮންޓޭނާ މޫވްމެންޓް ހިންގައި ޖީ8 ޤައުމަކަށްވެދާނެތީ. ރ ޔާމީން ފަދަ ވެރިއަކަށް ނޫނީ ރާއްޖޭގެ ރައްޔިތުން މިއެދޭ ތަރައްޤީ ހޯދައިނުދެވޭނެކަން މިހާރު މިއޮތް ފުޅާ ކޯލިޝަން ސަރުކާރުންވަނީ ކަށަވަރުކޮށްދީފައެވެ.