ރާއްޖޭގައި މީހުން މަދު ދާއިރާއެއް ކަމަށްވާ، މެރިޓައިމް ދާއިރާއިން ތަމްރީނުވުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށް ދިނުމަށްޓަކައި އެ ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ސްކޮލާޝިޕްތަކެއް ދިނުމަށް ނިންމައި ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެސްއެސްއިން ބުނެފައިވާ ގޮތުން ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް ކުރާނީ އެ ކުންފުނިންނެވެ. އެ ސްކޮލާޝިޕްގެ ފުރުސަތު ދެނީ ތިން ކޯހަކަށެވެ. އެއީ ނެވިގޭޝަން އޮފިސާ ޓްރެއިނިން ކޯހާ އިންޖިނިއަރިން އޮފިސާ ކެޑޭޓް ޓްރެއިނިން ކޯހުގެ އިތުރުން ރީފާ ޓެކްނިޝަންއަށެވެ. ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ.

ޝިޕިން ކުންފުނިން ބުނި ގޮތުގައި އެ ކޯސްތަކަކީ ރާއްޖޭގައި ކިޔެވޭ ކޯސްތަކަކަށް ނުވާތީވެ ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުން ކިޔަވަން ޖެހޭނީ ބޭރު ގައުމުތަކުގެ މެރިޓައިމް ކޮލެޖްތަކުގައެވެ. އެގޮތުން ތިން ކޮލެޖެއް ފައިނަލް ކުރުމުގެ މަސައްކަތް އެމްއެސްއެސްއިން ދަނީ ކުރަމުންނެވެ.

ޝިޕިން ކުންފުނީގެ އެމްޑީ އަބްދުﷲ ސައީދު "ވަގުތު"އަށް މިއަދު ވިދާޅުވީ، އެ ކުންފުނި އުފެއްދުނީއްސުރެ އެންމެ އިސްކަމެއްދޭ އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެމުން އައީ މެރިޓައިމް ދާއިރާއިން މީހުން ބިނާކުރުން ކަމަށެވެ. އަދި ސަރުކާރުންވެސް އެންމެ ބޮޑު އިސްކަމެއްދެނީ އެ ދާއިރާއިން ޒުވާނުން އިތުރުކުރުން ކަމަށްވާއިރު މިއީ މި ވަގުތަށް ރާއްޖެއަށް ކޮންމެހެން މީހުން ބިނާކުރުން މުހިއްމު ދާއިރާއެއް ކަމަށް ސައީދު ވިދާޅުވިއެވެ.

"ގިނަ ޒުވާނުން މަސައްކަތްކުރަނީ ފަތުރުވެރިކަމުގައި، މި ދާއިރާއަށްވެސް މީހުން އަހުލުވެރިން ކުރުވަން ޖެހޭ" ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކިޔަވައި ނިމިގެން އަންނަ ފަރާތްތަކަށް ވަޒީފާ ޔަގީންވާނެއެވެ. އަދި އެންމެ މަދުވެގެންވެސް 50،000 ރުފިޔާގެ މުސާރައެއް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

މެރިޓައިމް ދާއިރާއަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ދާއިރާއެއް ނޫން ކަމަށާއި އެއީ އަންހެނުންނަށްވެސް ފަހި ފުރުސަތުތަކެއް އޮތް ދާއިރާއެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.