ރެޕިޑް އެންޓިޖެން ޓެސްޓް ކިޓު އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕާ އެކުގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19 ގެ ވޭދަނަތައް އާދަޔާ ހިލާފަށް އިތުރުވަމުން އަންނާތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާތަނަށް ރެޕިޑް ޓެސްޓު ކިޓު ބޭނުންކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވަނީ އައިޖީއެމްއެޗަށް އެކަނި ކަމަށެވެ.

ނަމަވެސް އާންމުކޮށް މި ޓެސްޓް ކިޓުތައް ބޭނުން ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން މިހާރު ޓެކްނިކަލް އެޑްވައިޒަރީ ޓީމާއެކުގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އަދި މިކަމުގައި މާ ލަސްނުވެ ގޮތެއް ނިންމަވާނެ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ރެޕިޑް ޓެސްޓް ކިޓްއަށް ހުއްދަ ދިނުމަށް މަޝްވަރާތައް ކުރެވެމުންދަނީ،" އަފްޒަލް ވިދާޅުވިއެވެ.

އެންޓިޖެން ރެޕިޑް ޓެސްޓު ކިޓަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގައި މިހާރު ބޭނުން ކުރަމުން އަންނަ ކިޓެކެވެ. އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާ ކަމުގައި ވިޔަސް ރާއްޖޭގައި ވެސް މިފަދަ ކިޓްތައް އަންނަނީ ބޭނުން ކުރަމުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓާ އަޅާބަލާއިރު މި ކިޓުތައް މާބޮޑަށް ވެސް އަގުހެޔޮވެފައި އަވަސްކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖެ އިން އިއްޔެ އެކަނި ވެސް ރިކޯޑު އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އެގޮތުން އިއްޔެ 2،349 މީހުން ކޮވިޑަށް ފައްސިވެފައިވާ އިރު، ކޮވިޑް ފެސިލިޓީ އާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި 48 މީހުން އެބަތިބިއެވެ.

މިއާއެކު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 114،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި މި ބައްޔަށް މިވަގުތު ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް 13،000 އަށް ވުރެ ގިނައެވެ. އަދި މިހާތަނަށް މި ބަލީގައި ވަނީ 270 މީހަކު ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލލ

    މެޑިކަލް މާފެއާ ކިޓް !