އދ. މަންދޫން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެރަށުން ފައްސިވެފައިވަނީ ކުރިން ފައްސިވެފައިވާ މީހަކާއި ގާތުން އެއްތާވި ތިން މީހަކާއި ރާއްޖޭން ބޭރުން އެރަށަށް ދިޔަ ބިދޭސީ ތިން ޓީޗަރުންނެވެ.

ރަށުން "ވަގުތާއި" ވާހަކަ ދެއްކި މީހަކު ބުނީ، ފައްސިވެފައިވަނީ ރަށަށް އައި ދަނގެތި މީހަކާއި ގާތުން އެއްތާވި ތިން މީހުން ކަމަށެވެ. އަދި އެމީހުންނަކީ ކަރަންޓީނުގައި ތިބި ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ މީހާ ދަނގެއްޗަށް ގޮސް ހެދި ޓެސްޓް ފައްސިވީ. އެހެންވެ ރަށުން ބޮޑު އާއިލާއެއް ކަރަންޓީނު ކުރީ. އެތަނުން ތިން މީހަކު ފައްސިވީ" މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާއި ގުޅިގެން މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު "ވަގުތަށް" ވިދާޅުވީ، ސްކޫލް ބަންދަށް ފަހު ރަށަށް އައި ތިން ޓީޗަރަކާއި ކަރަންޓީނުގައި ތިބި އިތުރު ތިން މީހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.

"މިހާރު ރަށުގައި ޖުމްލަ 6 ވޭދަނަ އެބަ އުޅޭ" މުހައްމަދު ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިވޭދަނަތަކާއި ގުޅިގެން އެކި މީހުންގެ ސުންކު ނަގަމުން އަންނަ ކަމަށާއި ވަކި ތަރުތީބެއް ނެތި ރަށުން މިވަގުތު ވެސް 45 ސުންކު ނަގާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ، ޓީޗަރުން ފައްސިވި ނަމަވެސް އެޗްޕީއޭގެ އުސޫލާއި އެއްކޮށް އެޑިއުކޭޝަނުން އަންގާފައިވާ ގޮތަށް ސްކޫލުގެ ކިޔެވުން އޮންނާނެ ކަމަށެވެ.