މާލެ އިން ފެށިގެން ތިލަފުއްޓާއި ހަމައަށް އަޅާ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިޔަށް ގެންދާތީ ސަމާލުވާން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ- ތިލަފުށި ލިންކް މަޝްރޫޢުގެ ދަށުން 26 ޖަނަވަރީ 2022 އިން ފެށިގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރު ދެކުނު ކޮޅާއި ދެމެދުގެ ސަރަޙައްދެއްގައި ޕްލެޓްފޯރމްތަކެއް ބަހައްޓައިގެން މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.

އެހެންކަމުން މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރު މި ޕްލެޓް ފޯމުތަކަށް ކައިރި ނުކުރުމަށާއި އަދި މި ޕްލެޓް ފޯމްތަކަށް ސަމާލުކަންދީގެން މި ޕްލެޓްފޯމްތަކަށް އުނދަގޫ ނުވާނެގޮތަކަށް ރައްކާތެރިކަމާއެކު ދަތުރުތައްކުރުމަށް އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި އުޅަނދު ފަހަރުގެ ވެރިންނަށް އަދި އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާ އާއިއެވެ. މިހާރު އެކުންފުނިން ކުރަމުން ގެންދަނީ ބުރިޖުގެ ޑީޓޭލް ޑިޒައިނިންއަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. އެއީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ރައީސް ސޯލިހް ވައުދުވެ ވަޑައިގެންނެވީ ދައުރު ނިމުމުގެ ކުރިން މާލެ އިން ފެށިގެން ގުޅާފަޅާއި ހަމައަށް ބުރިޖު އެޅުމަށެވެ. ނަމަވެސް މީގެ ހަމަސްދުވަސް ކުރިން އެމަނިކުފާނު ވަނީ ބުރިޖުގެ މަސައްކަތް ދައުރު ނިމޭއިރު ނުނިމޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔުމްނާ

    އަހަރެމެންގެ ލޮލައް ތޯ ތި ގޮވަނީ

    10
    2
  2. Anonymous

    މީހުނައް އުނދަގޫ ނުވާނެހެން ކަނޑުގެ އަޑިން ތިޔަ ބުރިޖެއްގެ މަސައްކަތް ކުރިޔައް ގެންދިއުމައް އެދެން.

    15