ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ގޮތަށް ބިލެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ކުރަމުން އަންނާތީ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔައިފިއެވެ.

"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" މިހާރު އޮތީ ޑްރާފްޓް ކުރުމުގެ މަރުހަލާގައެވެ. މި ބިލަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވަނީ ފޮނުވައިފައެވެ.

މި ބިލު މަޖިލިހުގެ ކުރިއަށް އޮތް ދައުރުގައި ހުށަހަޅަން ވަނީ ނިންމައިފައެވެ.

ބިލް ހުށަހަޅަން އުޅޭ މި ދަނޑިވަޅަކީ އިދިކޮޅު ފަރާތްތަކުން "އިންޑިޔާ އައުޓް" ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ކެމްޕެއިން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ އައުޓް ބިލުން އެނގެނީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ނުދޭންވީ ސަބަބު ކަމަށެވެ. އަދި މަޖިލިހުގެ އަމާޒަކީ ދިވެހިން 30 އަހަރު ކުރީގެ އަޅުވެތި ކަމަށް ގެންދިއުން ކަމަށް ވެސް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

"ދެން 3 މީހުންނަށް ވުރެ ގިނައިން އެއްވުން، ރައީސް ސޯލިހް/ނަޝީދުގެ ނަން ކިޔާ ގޮތުން ކުށްވެރި؟ޖޯކަރުންތަކެއް ބާ؟" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ފާހަގަ ކުރައްވައި ޖަމީލް ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި ހިންގާ ހަރަކާތް ހުއްޓުވަން ގާނޫނެއް ހަދަން ޖެހުމުން ދޭހަވަނީ ރައީސް ޔާމީން ފެއްޓެވި ކެމްޕެއިނާ ދެކޮޅަށް ސަރުކާރުން ކުރި ހުރިހާ ކަމެއް ފެއިލްވެއްޖެ ކަމެވެ.

"ދެން ކުޅެން އަބަދުވެސް ޖެހެނީ ޑިފެންސަށް،" މަޑުއްވަރީ ދާއިރާގެ މެމްބަރު ކަން ކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ބޭރުގެ އަސްކަރީ ބަޔަކު ތިބުމާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ދެން ނުހުއްޓުވޭނެ ކަމަށެވެ.

ޑްރާފްޓުގައި ބުނެފައި ވަނީ މަގްސަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.

އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުން ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.

ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވާކަން ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީ ވެސް މި ގާނޫނުގެ ދަށުން ކުށެއް ކަމަށް ބިލްގައި ބުނެފައި ވެއެވެ.

މިފަދަ ކަމެއް ކޮށްފި މީހަކަށް ލިބޭ އަދަބުތަކުގެ ތެރޭގައި 20،000ރ. އިން ޖޫރިމަނާ ކުރުމާއި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދު ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފާފު ދާލު.

    އިންޑިއާ އައުޓް ކެމްޕެއިނަކީ ރައީސް ޔާމީން ފެއްޓެވި ކެމްޕެއިނެއްނޫން. އެއީ ޔާމީން ޖަލު ޙުކުމުން ސަލާމަތްވުމުގެ ކުރީން ފެއްޓުނު ގައުމީ ޙަރަކާތެއް. އެޙަރަކާތާ ރައީސް ޔާމީން ގުޅި ވަޑައިގަތުމުން އެޙަރަކާތް ފުޅާވެ އިތުރަށް ގައުމީ ސިފަ ލިބިގެން ދިޔައީ. އެހެންވީމާ މިފަދަ ޙަރަކާތްތަކަށް ހިޔަނި ނޭޅޭގޮތަށް ވާހަކަތައް ބައްޓަން ކުރުމަށް އާދަމް ޝަރީފަށް އިލްތިމާސް ކުރަން.

    26
    1
  2. ދަރަނި ދަންތުރަ

    ކޮންމެ ބިލެއް ފާސްކުރިޔަސް އިންޑިޔާ ސިފައިން މިގައުމުން ބޭރުކުރާނަން ދިވެހިން އިންޑިޔާ އަޅުވެތިކަމުގައި ތާއަބަދު ނުތިބޭނަން އިންޑިޔާ އައުޓް

    41
    2
  3. މުގުރާން

    ރައީސް އިސްތިއުފާ މިއީ އިންޑިޔާގެ ބައެއްނޫން މިއީދިވެހި ގައުމު މީއަމިއްލަ މިނިވަން ވެރިކަމަކާއި އަމިއްލަ ބަހެއް ލިޔެކިއުމުގާ ބޭނުންކުރާ މުސްތަގިއްލު ބައެއްއުޅޭތަނެއް މިގައުމުގަ ވެރިއަކައް ހުންނަންވާނީ ދިވެއްސެއް އިންޑިއާ މީހެއްނޫން

    13
  4. މަކުނު

    ނަގޫ ފިތޭނީ . ހަަމަ.ހަދާބަލަ ނިކަން ވާ ގޮތްބަލަން. ހަހަހަހަހަހަހަހަހަހަ. އިންސާނީ ހައްޤުތައް ކޮބާތޯ މިއަދު.މިތިބަ ބީތާގަނޑާ. ކަލޭ މެންނަށްވެސް ވެރިކަމުގައި ނުތިބެވޭނެ ދެން! ފަހު ވަގުތު ޖެހެނީﷲ އިރާދަކުރެއްވިއްޔާ1 ތިޔަ ގާނޫޫނުވެސް ނަގުލަށް ފިތޭނެ ދުވަސް ރައްިތުން ކަލޭމެން ނަށް ދައްކާނޫ! 2023ގައިވެސް ގައްދާރުންނަށް ވެރިކަމެއްނުކުރެވޭނެ! ގާސިމަކަށް ވެސް މައުމޫނަކަށްވެސް އިމްރާނަކަށވެސް ގައުމު ނުހިންގޭނެކަން ފާޅުގައި މިއަދު މިއޮތީ އެނގިފައި! ދެން ޓާޓާ .

    12
    2
  5. ކުމާރު

    ތެޅުނު ތެޅުނުހެން ހުޅުނބުދާނީ

    15
    1
  6. ޑައެލޯގް

    ރައްޔިތުންނަށްވެސް އެބައެގެންޖެހޭ ސިއްކައާއި ކެރެފާޢާއިލާއަކީ ބާގީ ލާދީނީޢާއިލާއެއްކަމެވެ. އެވެރިން ގައުމީލޯތްބެއް ނުއޮންނާނެއެވެ. އެހެންނަމައީ 3 ނޮވެމްބަރުގެ ދުވަސް ފާހަގަކުރީހެވެ. އެދުވަހު އިންޑިޔާ އަޑީގައޮވެގެން ޕްލޮޓް ޖަމާއަތުން ރާއްޖޭގެ 19 ދިވެހިން ސަހީދުކޮށްލިއެވެ. އަދި ސަލާމަތްކުރަންވެސް އައީ އިންޑިޔާމީހުނެވެ. އެކަމު މީގެބޭނުމަކީ ޖާސޫސްކުރުމާއި އަތްގަދަކުރުމެވެ. އެގޮތުން އިންޑިޔާގެ ސިފައިންވަނީ ދިވެހިންނަށްވެސް ވަނުންމަނާ ސިފައިގޭތެރެއަށްވެސްވަދެފައެވެ.

  7. އަބްދޫ

    ރާއްޖޭގެ ގާނޫނުއަސާސީގެ 251 ނ ގައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް މުޅިމަޖިލީހުގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ އަސްކަރީ ބޭނުމަކަށް އެއްވެސްފަރާތަކަށް ދީގެން ނުވާނެ. 27 ވަނަ މާއްދާގަ ވަނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތީން އެމީހަކަށް ފެންނަ ގޮތްތައް ދުލާއިގަލަމުންއަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވޭ. 18 ވަނަ މާއްދާގަ އެބަބުނޭ ހައްގުތަކުގެ ބާބުގައިވާހައްގުތައް ހިމާޔަތްކޮށް މިނިވަންކޮށް ކުރިއެރުވުމަކީ ދަވްލަތުގެ ވާޖިބެއްކަން. 63 ގަ ބުނޭ ގާނޫނުއަސަސޣަ ބުނާހައްގުތަކާ ތައާރަޒް ވާ ގާނޫނު ތައްބާތިލްކަމަށް. 65 ގަބުނޭ ގާނޫނު ބާތިލްކުރަން ކޯޓަށް ހުށަހެޅޭނެކަމަށް. ވުމާއެކު އިންޑިޔާ އައުޓް ކިއުމަކީ ކުށެއްކަމަށް ކަނޑައަޅާ ގާނޫނަކީ އުފެދުމުގާވެސް ބާތިލް ގާނޫނެއް. މިގާނޫނެއް ހަދަން އުލެގަތުމުން ތުހުމަތު ވަނީ ދިވެހިރާއްޖެ މިވަނީ އިންޑިޔާ އަށް ވިއްކާލެވިފާކަން. ވިއްކާލެވިފާ އޮތް އޮތުން ސައްކަ ހުރުމަސް ދިވެހި ރައްޔިތުން ކަތިލުމަށް ސަރުކާރުން ގާނެއްހަދަން އުޅެނީ ކަމަށް ވެސް ތުހުމަތު ކުރެވޭ، މިގާނޫނު ފާސްކުރަން ވޯޓް ދޭ އެންމެނާމެދު ސަރީއަތް ހިންގޭނެ ކަން މަޖިލީހުގެ އެމްހާމެމްބަރުންހަނދުމަފުޅު ބަހައްތަވަން ދަންނަވަން.މިގާނޫނު ފާސްކުރުމެކޭ އިންޑިޔާގެ ގާނޫނުއަސަސީ ރާއްޖޭގަ ހިންގުމެކޭ އެއްފަދަ.