އެލައިޑް އިންޝުއަރެންސް ކުންފުނީގެ ކުރީގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ގެ ނަމަށް ހާއްސަކޮށް އެ ކުންފުނީގެ ފަންގިފިލާއަކަށް ނަންދީފިއެވެ.

މިދިޔަ ހަފްތާގައި މެލޭޝިއާގައި ހުންވަނިކޮށް ނިޔާވި ޑާޑީގެ ހަނދާނުގައި އެލައިޑުން ނަންދީފައި ވަނީ އެ ކުންފުނީގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާއަށެވެ. އެ އިމާރާތުގައި ހުންނަ ލިފްޓުގައި ހަތަރެއްގެ ބަދަލުގައި ޖަހާފައި ވަނީ "ޑީ" އަކުރެވެ.

މިއީ އެލައިޑުގެ 37 ވަނަ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން ކުރި ކަމެކެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑުން އެ ފްލޯއަށް މިހާރު ކިޔާނީ "ޑާޑި ފްލޯ" އެވެ. މި ފަންގިފިލާއަކީ ކުންފުނީގެ މާކެޓިން ޑިޕާޓްމަންޓް ހުންނަ ފަންގިފިލާއެވެ.

2004 ވަނަ އަހަރުން ފެށިގެން 11 އަހަރުވަންދެން ޑާޑީ އެލައިޑްގައި މަސައްކަތް ކުރެއްވިއެވެ. އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ހުރެ ޑާޑި ކުރި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" އޭނާގެ ބެލުމުގެ ދަށުން ތައާރަފުކުރުމެވެ.

މެލޭޝިއާގައި ދިރިއުޅެމުން ދަނިކޮށް މިމަހުގެ 24 ވަނަ ދުވަހު ޑާޑީ ނިޔާވީ އޭނާގެ އުމުރުން 38 އަހަރުގައި އެވެ. އޭނާ އަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއެމްޑީއޭގެ މިހާރުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު (އެސްޓީއޯ މަނިކު) އެންމެ ދޮށީ ދަރިފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    މީހުނަށް ވަނަން ކިޔުމަކީ ވަރަށް ގޯސްކަމެއް. އެމީހާއަށް ކިޔާ އިސްލާމީ ނަމުންއެމިހަކާއި މުހާތަބް ކުރަންޖެހޭނީ.