މި ސަރުކާރާއި އެކު ތަރައްގީ ހޯދަން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ވޯޓުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއަށް ތާއީދު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވުމުން ފާޑުކިއުން އަމާޒުވެއްޖެއެވެ.

އަނދުން ހުސައިނަށް ފާޑުކިޔަމުން ގެންދަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މީހުނެވެ. އޭގެ އިތުރު ބައެއް އާންމު މީހުން ވެސް އެބަ ފާޑުކިޔައެވެ.

ފައްޔާޒަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ. އަދި މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ނަޝީދު މިހާތަނަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ ވެސް ފައްޔާޒަށެވެ.

ނަޝީދުގެ ފެކްޝަންގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގައި ދެ ސުވާލެއް ކުރައްވާފައިވެއެވެ. އެއީ ފްލެޓާއި ގޯއްޗާއި ވިޔަފާރި ލިބެނީ އެމްޑީޕީގެ ޗެއާޕާސަންކަން ލިބިގެންތޯއާއި ވަޒީރު ކަމުގައި ހުންނަވައިގެން އެ ބާރު ނުލިބޭތޯއެވެ.

ވައްޑެ އެހެން ވިދާޅުވީ، އަނދުން ހުސައިން ކުރެއްވި ޓްވީޓެއްގައި، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި މިނިސްޓަރު ފައްޔާޒަށް ތާއީދު ކުރައްވާ ސަބަބެއްގެ ގޮތުގައި ގޯތި ހޯދުމާއި، ފްލެޓާއި ވިޔަފާރި ލޯނުތައް ހޯދުމާއި، ސަރުކާރާއި އެކު ތަރައްގީ ހޯދަން މަސައްކަތް ކުރުން ކަމަށް ލިޔުއްވާފައިވާތީއެވެ.

ޝަފީއާ ޒުބައިރު ކުރި ޓްވީޓެއްގައި ވެސް ވަނީ މިފަދަ ސުވާލުތަކެއް ކޮށްފައެވެ. މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުދެވި ލަސްވެފައި މި އޮތީ ސަރުކާރުގެ ވަޒީރަކަށް އެމްޑީޕީގެ ޗެއާޕާސަން ކަން ނުލިބިގެންތޯ އޭނާ ސުވާލުކޮށްފައިވެއެވެ.

ޝަފީއާގެެ އިތުރު ޓްވީޓެއްގައި ބުނީ، އެމްޑީޕީއަކީ ހުރިހާ ރައްޔިތުންގެ ހައްގުގައި ނުކުތް ޕާޓީއެއް ކަމަށެވެ. އަނދުން ހުސައިންގެ ވާހަކަތަކުން ފާހަގަވަނީ، އެމްޑީޕީގެ ޗެއާޕާސަންގެ ގޮނޑިއަށް ވަކި ދާއިރާއެއްގެ ކަންކަން ފައްޔާޒާއި އެކު ހަމަޖެއްސީ ކަމުގައެވެ.

ހުސައިން ޝަފީއު ނަކަމަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނީ، ފްލެޓް ދިނުމާއި ގޯތި ދިނުމަކީ ވަޒީރެއްގެ ހައިސިއްޔަތުން ކުރެވެން ޖެހޭނެ ކަންކަން ކަމަށެވެ. އަދި އެއީ ސަރުކާރު "ހިންގާލަން" ބޭނުންވާ ކަންކަން ކަމަށާއި ޕާޓީ "ހިންގާލަން" ބޭނުންވާ ކަންކަން ނޫން ކަމަށެވެ.

"ހިންގާލަން" އެއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ސޯލިހްގެ ފެކްޝަންގެ ކެންޑިޑޭޓުން ބޭނުން ކުރަމުން އަންނަ ޝިއާރެކެވެ.

އިމްރާން މުހައިމިން ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނީ ފެނިގެން މި ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ދެއްކެވި ފަދަ "ބްރޯ ފަލްސަފާ" ކަމަށެވެ. އަނދުން ހުސައިންއާއި ފައްޔާޒުގެ މި އަމަލު އެމްޑީޕީން ކުށްވެރި ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްޑީޕީގެ އެކްޓިވިސްޓް މުޖޫ ކުރި ޓްވީޓެއްގައި ބުނީ އަނދުން ހުސައިންގެ ޓްވީޓްއަކީ އެމްޑީޕީގެ މުޅި އަސާސްތަކާއި ޚިލާފު ޓްވީޓެއް ކަމަށެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޗެއާޕާސަންގެ ދައުރު ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވެސް އޮތީ ރައީސް ސޯލިހްއާއި ރައީސް ނަޝީދުގެ ވާދަވެރިކަމެވެ. މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ "ޓެސްޓް ރައުންޑް" އެއް ގޮތުގައި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު ފައްޔާޒުގެ އިތުރުން ނަޝީދުގެ ފެކްޝަނުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ.

ގެދޮރާއި ފްލެޓް ހޯދާ ވާހަކަ އަނދުން ހުސައިން ލިޔުއްވިއިރު، މާލޭގެ ރައްޔިތުންނަށް ގޯތި ދޭން އަދިވެސް މާ ބޮޑު މަސައްކަތެއް ކުރެވިފައި ނުވާތީ މާލޭގައި އުޅޭ އެމްޑީޕީގެ ސަޕޯޓަރުން ވެސް ތިބީ ވަރަށް ބޮޑަށް ނުރުހިފައެވެ. ނަތީޖާއެއްގެ ގޮތުން ޒަމާނުއްސުރެން ފެށިގެން އެމްޑީޕީން މެޖޯރިޓީ ނަގަމުން އަންނަ މާލޭން ސިޓީ ކައުންސިލްގެ މެޖޯރިޓީ ދިނީ އިދިކޮޅު ޕީޕީއެމްއަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    ނަޝީދަށް އޯކޭދޯ ކޮމަންޑޫ ވޯޓުހޯދަން ވެވުނުހާ ވައުދުވީ އިރު. އޭރު ވައުދުވުން ހަމަ އޯކޭދޯ

    29
  2. ޖާނޭ

    ޙުސްވަގުން. މުނާފިޤުންވެސް ޖެހޭނީ މިމީހުންގެ ގާތުން ދަސްވެނިވާން

    27
  3. ހުސެނެ

    ކޮމަންޑޫ މީހުން ހެއްދީ ތިގޮތަކަށް ނޫންތަ

    30
    1
  4. އަހު

    ފައްޔާޒުއަށް މަގޭ ވޯޓު! މާލޭ މީހުންގެ ހައްޤު ހޯދާދޭން މަސައްކަތް ކުރާނެ ކަމަށް ހީކުރަން ، ބަންގާޅީ ބައިގަޑުގެ ވަބާއިން މާލެ ސަލާމަތް ކުރަންޖެހޭ، ވިޔަފާރިވެރިންގެ ވަގުތީ ފައިފާއަށް ގައުމު ގުރުބާންކުރާކަށް ނުޖެހޭ! މިގައުމުގައިވެސް ޖެހޭ ޤާނޫނާއި ގަވައިދު ހެދެން، އެ އަދި ތަންފީޒުކުރަން، ޕޮލިޓިކަލް ޕާޓީގެ މީހަކުބުނާ ގޮތަކަށް ގާނޫނެއް ބަދަލެއްވެގެންނުނވާނެ، މައުމޫނުގެ 30 އަހަރުގައި މުޅި ގައުމު ބަންގާޅީން އަޅާ ހަލާކު ކުރިހެން ގައުމު ހަލާކުވެގެން ނުވާނެ، އަޅުގަޑުމެންގެ ދަރިންގެ ދަރިންގެ ދަރިން އެބަޖެހޭ މި ޤައުމުގައި މިނިވަންކަން މަތީ އުޅެވެން. ވީމާ މިކަންތައްތަކަކީ، ޕާޓީގެ ހުންނަ ގުންޑާއެއްގެ ވަގުތީ މަންފާއަށް ދޫކޮލެވޭނެ ކަމެއްނުން. ރަތްޔަތުން އެބަޖެހޭ ހޭލަން، މިވަރަށް ބިދޭސީން އައުމަކީ ޤައުމަށް އަތް ބޮޑު ބިރެއް، ހޭލާށޭ ދިވެހި ދަރިންނޭ!!!!

    24
    4
  5. ނަސީރު..

    ނަޝީދު ފެކްޝަން ހޭކެނޑިގެން ރޯމަހެއް ތެޅޭހެން ތެޅުނަސް ފައްޔާޒު ބޮޑުތަނުން ނަގާނެ.. އަންނިއަކީ މިހާރު އެއްވެސް އުރަތްޕެއް ހުރި މީހެއް ނޫން. އޭނާގެ ހުރިހާ ފަލްސަފާއަކީ އޭނައަށް މޮޅުގޮތް. އޭނައަށް ވެރިކަން. ބްރޯ މީތި ކަޑައޭ.. ކަޑައޭ. ކަޑައޭ.

    8
    1
  6. މޫސަ

    އަދި އުޅޭނެ ލޯލާރި ހައުސިން މިނިސްޓަރެއްވެސް. ލޯލާރިއެެއްގައި ނުޖެެހެމޭ ބުނާ މީހާ އީވާ ފިރި ސާބެ އާއި ދެމީހުން ފެނާ ނަރުދަމާ އެތައް ރަށެއްގެ ޑިޒައިންނިންްއަށް އެެކަނި މުޅި ޕްރޮޖެކްޓްގެ ލާރި ކާލާ. ހިޔާ ފްލެޓް ތަކުގެ ލިފްޓްތައް ވެސް މެއިންޓެއިން ކުރުން މިމީހުން. މީ މީގެ މަސައްކަތެއް ދުވަހަކު ކުރި ބައެއްވެސް ނޫން. ދެން ފައްޔާމެން ގޯތި ދޫކުރާ ވާހަކަ ބުނީމާ ނަޝީދު ބަގަ ކިހިނެއްވާނީ