ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޕީޕީއެމުން ހުށަހަޅާފައިވާ ބިލަށް އަލަށް އުފެއްދި އެމްއެންޕީގެ ތާއީދު އޮތްކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހާމަ ކުރައްވައިފިއެވެ.

ޖޭއެސްސީގެ ބިލުގެ އިބްތިދާއީ ބަހުސްގައި، މެންބަރު ނާޒިމް ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމުން އެ ކޮމިޝަނަށާއި ޖުޑިޝަރީ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ ކަން އެ ކޮމިޝަނާއި ގުޅޭ ގޮތުން އެކުލަވާލި އިލްމީ ދިރާސާއަކުން ފެންނަން އެބަ އޮތް ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގެ އެކުލެވުމަކީ ބަދަލު ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބަދަލު ކުރަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ހުށަހަޅުއްވާފައިވާ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީއަކަށް ގެންދަން އެމްއެންޕީން ނިންމާފައިވާ ކަން ނާޒިމް ހާމަ ކުރެއްވިއެވެ.

ނާޒިމް ވަނީ ޓޮމްގެ ބިލުގައި ހިމެނޭ އެކުލެވުމުގައި ހިމެނޭ ފަރާތްތަކާއި ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ. މި ގޮތުން ރިޓަޔަޑް ފަނޑިޔާރަކާއި ވަކީލުން އިންތިޚާބު ކުރާ ވަކީލަކާއި އަންހެން ވަކީލެއް ހިމެނުމަށް އޮތް ހުށަހެޅުމަށް ނާޒިމް ވަރަށް ބޮޑަށް ތާއީދު ކުރެއްވިއެވެ.

ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތް ކިޔަވައިދޭ ބޭފުޅަކާއި، ގާނޫނު ކިޔަވައިދޭ ބޭފުޅަކާއި، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅަކާއި، ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅަކާއި، އެހެން ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅަކު ހިމަނަން ވެސް ބިލްގައި އޮތެވެ.

މި ބޭފުޅުން ހިމެނުމާއި އެއިން ބަޔަކު އުނި ކުރަން ޖެހުމާއި މެދު އިތުރަށް ވިސްނާލަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންވިޔަސް އިލްމީ އަދި ދިރާސާ ކުރާ އެކަޑަމިކް ދާއިރާތަކުގެ ބޭފުޅުން ހިމެނުމަކީ އެމްއެންޕީން ތާއީދު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލަކީ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ އިތުރަށް ކޮމިޓީއަކަށް ގެންގޮސް ދިރާސާ ކުރަން ޖެހޭ ބިލެއް ކަމާއި، ބިލު ތަޅުމަށް ބަލައިގަންނަން މަޖިލީހުގެ މެންބަރުން ތާއީދު ކުރައްވަން އެމްއެންޕީގެ ފަރާތުން ގޮވާލައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ބިލަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްއެންޕީގެ ތާއީދު ލިބޭނަމަ، 12 މެންބަރުންގެ ތާއީދު އެ ބިލަށް އެބަ ލިބެއެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ނުވަ މެންބަރުންނާއި، އެމްއެންޕީގެ ތިން މެންބަރުންނެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެމްޑީޕީގެ 65 މެންބަރުން ތިއްބަވާއިރު، މެންބަރުންގެ މެދުގައި މި ކަމުގައި ޚިޔާލު ތަފާތުވުންތަކެއް އުޅެއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ސިޔާސީ ބޭފުޅުން ތިއްބަވަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އިސްލާހު ކުރަންވީ މުޅި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ހަރަކާތެއްގެ ތެރެއިން ކަމަށް ވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. ބައެއް މެންބަރުން ވަނީ ބިލަށް ތާއީދު ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ވަރަށް ރަނގަޅު ނިންމުމެއް. ހުދުމުހުތާރު ކަމަށް ތާއީދު ކުރާ ބަޔަކު ނޫނީ ތިބިލާ ދެކޮޅު ނުވާނެ

    3
    1
  2. ޑައެލޯގް

    މިއީ ވަރަށްވަގުމީހެކެވެ. އެއުޅެނީ މަޑުމަޑުން ޕީޕީއެމްގެ ތާއިދުހޯދާށެވެ. އެކަމު މީނާއަކީ ޕީޕީއެމްދެކެ ލޯބިވާމީހެއްނޫނެވެ. ކޮމަންޑޫދާއިރާވެސް ޕީޕީއެމް ފެއިލްކޮށްލަން ސަރުކާރުން ބުނެގެން ކެޑިޑޭޓެއްނެރުނީ އެބޭނުމުގައެވެ. އެއުޅެނީ ޔާމީން ޖަލަށްލައިފިނަމަ އަވަހަށް ޕީޕީއެމަށްވަދެ ރިޔާސީޓިކެޓްހޯދާށެވެ. ކަލޯ ހަދާންނައްތާލާށެވެ. އަހަރުމެނެއް ކަލޯއަކަށް ވޯޓެއްނުދޭނަމަވެ.