ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ކެންޑިޑޭޓަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ނަޝީދުގެ ފަޅިން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. ރައީސް ސޯލިހްގެ ފަޅިން ވާދަކުރައްވަނީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ.

ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިއަށް ތާއީދު ކުރެއްވީ ވަކި މީހަކަށް ކުރައްވާ ތާއީދެއްގެ ސަބަބުން ނޫން ކަމަށާއި އެއީ އޭނާ ގަބޫލު ކުރައްވާ އުސޫލަތަކާއި އޭގެ މައްޗަށް އަންނަ ކަންތައްތައް ރުކުރުވިގެން އަންނަ އަސާސެއްގެ މަތީ ކަމަށެވެ.

"މިއީ ނިޒާމީ ކަމެއް ވެސް ނޫން،" އިންތިއާއި އެކު އައްސަދު ނަންގަވާފައިވާ ފޮޓޯއަކާއި އެކު ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.

ޚިޔާނާތުގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އުފައްދާފައިވާ ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް ވެސް ލަސްވުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރާއި ރިޔާސީ ކޮމިޝަނަށް ވެސް އަމާޒުވެފައިވެއެވެ.

މިދިޔަ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން ދައުލަތަށް މިހާތަނަށް މާ ގިނަ އަދަދެއް ހޯދިފައި ނުވާއިރު، ރިޔާސީ ކޮމިޝަނަށް އެތައް މިލިއަން ރުފިޔާ ވެސް ޚަރަދުކޮށްފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ރިޔާސީ ކޮމިޝަން ވެސް ހިމެނޭހެން ތަހުގީގު ކުރިއަށް ގެންދާއިރު، ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 283 މީހުންގެ ނަން ހިމެނޭ ލިސްޓެއް އެކުލާވާލާފައިވެއެވެ.

އެހެންވިޔަސް މިހާތަނަށް ހުކުމަކާ ހަމައަށް އައީ ޚިޔާނާތުގައި ބައިވެރިވި ކަމަށް އެއްބަސްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ.

283 މީހުންގެ ނަން ހިމެނޭ ލިސްޓުން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ އުލިފައިވާއިރު، މި ބޭފުޅުން ގެންދަވަނީ ލިސްޓުގެ ސައްޚަ ކަމާއި މެދު ސުވާލު އުފައްދަވަމުންނެވެ.

ލިސްޓުގައި ސިޔާސީ ގިނަ ބަޔަކުގެ ނަން ހިމެނޭއިރު، މިހާތަނަށް އައި އިރު އެއިން ގިނަ ބަޔަކާއި ކޮމިޝަނުން ސުވާލު ނުކުރާ ކަން ވެސް ފާހަގަކޮށްލެވެއެވެ. އެހެންވެ، މި ލިސްޓަކީ 2023 އަށް އަމާޒުކޮށް ސިޔާސީ ބޭނުމެއްގައި އުފައްދައިގެން އުޅޭ ލިސްޓެއް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާއްޖެ

    ސުމެއްގެ މީހެއް. ރިކަވާ ކުރެވުނު އެކައްޗެއް ވެސް ނެތް.

    • ހުސޭނުބޭ

      ބަލަގަ އޭނާއަށް އެ ލިބޭ ބޮޑު މުސާރަ ރިކަވާ ކުރެޔޭ!

  2. ކެރަފާ

    އިންތިޔަކީ ދީނުގެ އަދުއްވެއް ވޯޓު ނުދޭނަން

  3. މާޟީ

    3 ބިސް ރިކަވާ ކުރެވިއްޖެ