ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބައިވެރިވާ މިންވަރު އިތުރުވެފައިވާތީ ދިވެހި ފުލުހުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން ކުރިޔަށް ގެންދިޔަ މީޑިއާ އިވެންޓުގައި ހާމަކުރި ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ކުޑަކުދިން ބޭނުންކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

މިގޮތުން މަސްތުވާތަކެތި ވިއްކުމުގައި އަސްލު ބޭނުންކުރާ މީހާ ނުވަތަ އެ ވިޔަފާރި ކުރާ މީހާ ފޮރުވިގެން ހުރެ، ކުޑަކުދިން ލައްވާ މަސްތުވާތަކެތި ވިއްކާ އަދި އެ ވިޔަފާރިކުރުމުގައި ފައިސާގެ މުއާމަލާތްތައް ވެސް ކުރާ ކަމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ)އިން ވަނީ ހާމަކޮށްފައެވެ.

އަދި އެފަދަ މައްސަލަތަކުގައި މަސްތުވާތަކެތި ވިއްކާ ފަރާތްތަކުންނާއި އަދި އެ ބޭނުންކުރާ ފަރާތްތަކުން ކުޑަކުދިން ބޭނުންކުރަނީ ގާނޫނުގައިވާ "ލޫޕްހޯލް" ނުވަތަ ބާގަނޑުތައް ބަލައިގެން އޭގެ ބޭނުން ހިފުމަށްކަން ފުލުހުން ފާޙަގަ ކުރިއެވެ. އެގޮތުން އުމުރުން 15 އަހަރު ނުވާ ކަމުގައި ވާނަމަ ގާނޫނީ ޒިންމާއެއް އަދާކުރާކަށް ނުޖެހޭނެއެވެ. އަދި ފުލުހުންގެ ތަހުގީގަކަށް ހާޒިރުކުރި ކަމުގައި ވީނަމަވެސް ސުވާލުތަކަށް ޖަވާބު ދޭނީ އެކުދިން ބޭނުން ކަމުގައިވާ ނަމަ އެކަންޏެވެ.

ކުޑަ ކުދިންގެ ތެރެއިން އެންމެ ގިނައީ 18 އަހަރުގެ ކުދިންނެވެ. އެ އުމުރުގެ 525 ކުދިން ހައްޔަރުކޮށްފައިވާއިރު، އެއީ މާލެއިން 9،047 މައްސަލަ، ހުޅުމާލެއިން 1،011 އަދި ވިލިމާލެއިން 960 މައްސަލައެކެވެ.

"އެ ކުދިން ރެކްރޫޓްކުރުމަށް، އެ ކުދިންނަށް ކުރީބައިގައި ހުންނަނީ ކިޔައިދީފައި ފުލުހުން އައިސްފި ނަމަ، އަމަލުކުރަންވީ ގޮތާއި މައްސަލައިގައި ފުލުހުން ސުވާލުކޮށްފިއްޔާ އަމަލުކުރަންވީ ގޮތް. މި ގޮތަށް ރެކްރޫޓުކޮށްފައި މި ހުންނަނީ" އެފްސީޕީޑީން ކިޔައިދިނެވެ.

ކަން މިހެން އޮތް އިރު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އަންނަނީ މި "ލޫޕް ހޯލް" ބޭނުންކޮށްގެން ކުޑަކުދިން ގުރޫމް ކޮށްގެން ކުށުގެ ވެއްޓަށް ވައްދަމުން ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ. މީގެ އިތުރުން ފުލުހުން ވަނީ އެފަދައިން ކުށުގެ ވެށީގައި އުޅޭ ކުޑަ ކުއްޖެއްގެ މައުލޫމާތު ވެސް މިއަދުގެ އިވެންޓުގެ ތެރެއިން ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.

އުމުރުން 14 އަހަރުގައި މަސްތުވާތަކެތީގެ 50 މައްސަލައެއް!

މިއަދުގެ މީޑިއާ އިވެންޓުގައި ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށުގެ ތެރެއަށް ވަދެވިފައިވާ ކުޑަކުއްޖެއްގެ މައުލޫމާތު ހިއްސާކޮށްފައެވެ. މިގޮތުން ފުލުހުން ހާމަކުރި ގޮތުގައި އުމުރުން 14 އަހަރުގެ އެކުއްޖާ މަސްތުވާތަކެއްޗާއި ބެހޭ އެކިއެކި ކަންކަމުގައި 50 އަށް ވުރެ ގިނަ ފަހަރު ފުލުހުން ހުއްޓުވާ، ވަނީ ސުވާލުކޮށްފައެވެ.

މިގޮތުން އެ ކުއްޖާ މަސްތުވާތަކެތި ވިއްކަން އުޅެނިކޮށް ޖުމުލަ ދެ ފަހަރެއްގެ މަތިން ހުއްޓުވާ ސުވާލުކުރެވިފައިވާއިރު، މަސްތުވާތަކެތި ބޭނުން ކުރަނިކޮށް 16 ފަހަރެއްގެ މަތިން ހުއްޓުވާ ފުލުހުން ސުވާލުކޮށްފައިވާކަން ވެސް ހާމަކުރިއެވެ. މީގެ އިތުރުން މަސްތުވާތަކެތި ގެންގުޅޭކަން އެނގިގެން ހުއްޓުވާ 35 ފަހަރެއްގެ މަތިން ސުވާލު ކުރެވިފައިވާ ކަމަށް ވެސް ހާމަކުރިއެވެ.

ހަމައެހެންމެ ކުއްޖާ ކުށުގެ ވެށިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުވެނިއަލް ޖަސްޓިސްއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގައި ވެސް ބައިވެރިކުރުވި ކަމަށާއި ނަމަވެސް އެ ޕްރޮގްރާމަށް ކުއްޖާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރިޔަށް ގެންދެވިފައިވާ ނުވާކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ޒިންމާދާރު ކަމެއްގެ ތެރޭގައި ޝާމިލް ކުރުވުމުގެ ގޮތުން ކުއްޖާ ގަވާއިދުން ސުކޫލަށް ދިޔުމާއި ބެހޭގޮތުން ވާހަކަދެއްކި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ވެސް ހޯދައިދީފައިވާ ކަމަށާއި އަދި ނެޝަނަލް ޑްރަގް އޭޖެންސީއާއި އެކު ކުއްޖާގެ އިންޑިކޭޓިވް އެސެސްމެންޓް ރިޕޯޓެއް ހަދަން ނިންމި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކަމަށް ވެސް ކުއްޖާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެކަން ނުކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ކުށުގެ ވެއްޓަށް ވަންނަން މެދުވެރިވާ ސަބަބުތައް:

ފުލުހުން ބުނި ގޮތުގައި، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅުމަށް މެެދުވެރިވީ އެ ކުދިންގެ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތެވެ. އަދި އާއިލާތަކުގައި ޖެހޭ މައްސަލަތަކުގައި ދަރިންނަށް އިހުމާލުވުމުގެ ސަބަބުން ވެސް އެކުދިން ކުށުގެ ވެއްޓަށް ވަންނަން މެދުވެރިވާކަމަށް ފުލުހުން ހާމަކުރިއެވެ.

މިގޮތުން މިއަދުގެ ސެޝަންގައި އެފްސީޕީޑީން ބުނީ ރަށްރަށުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޓާގެޓުކޮށްގެން އެ ކުދިންނަށް ރަނގަޅު ގޮތް ހަދައިދޭނެ ކަމަށް ބުނެ އެ ކުދިންގެ މައިންބަފައިންގެ ރުހުމާ އެކު އަދި ރުހުމާނުލައި އޮޅުވާލައިގެން ވެސް މާލެ ގެނެސް ގްރޫމްކޮށް އެކްސްޕްލޮއިޓުކޮށް އެ ކުދިންގެ ބޭނުން ނަމަހަގޮތުގައި ހިފަމުންދާ ކަމަށެވެ.

އަދި ކުދިން އުޅޭ މާހައުލުގެ ސަބަބުން ޖެހޭ މައްސަލަތަކުގެ ތެރޭގައި ވެސް އެކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، އެކުދިންގެ އިތުބާރު ލިބިފައިވާ މަގާމުތަކުގައި ތިބޭ ފަރާތްތަކުން ވެސް ކުދިން ގްރޫމްކޮށް އެކްސްޕްލޮއިޓް ކުރާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހަމައެހެންމެ މައިންބަފައިންނާއި އަދި ކަމާއިބެހޭ އިދާރާތަކަށް ކުޑަކުދިންގެ ކަންތައްތައް އެންމެ ރަނގަޅު ގޮތުގައި މޮނިޓާ ނުކުރެވޭތީ ވެސް ކުޑަކުދިން ކުށުގެ ވެއްޓަށް ދާން މެދުވެރިވާ ކަމަށާއި އަދި އެފަދަ ކަންކަމުގައި ބެލެނިވެރިން ސަމާލުވާން ޖެހޭ ކަމަށް ބުންޏެވެ.

މިފަދަ ކުދިންނަށް ޓާގެޓް ކޮށްގެން ގްރޫމް ކުރަނީ ރަނގަޅު ގޮތެއް ހޯދައިދޭނެ ކަމަށް ބުނެ، އެކުދިން ބޮލަށް ވަދެގެން ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަހުމަދު1

    ބެލެނިވެރިން އިނގޭކަމަކާ ސަމާލުވެގެން ކީއްހޭ ކުރަނީ. ޢެވަބާގަ ޖައްސަން ކުޑަ މައުސޫމު ކުދިން ހަލާކުކޮށްގެން އެކަން ދެމެހެއްޓެނިވި ގޮތެއްގައި އެކުރަނީ. މިކަން ހުއްޓުވޭނެ ކަމާ ބެހޭ ފަރާތެއް ނެތް.

    17
    1
    • ޕީޖޭ

      ބޮޑު މެޖޯރިޓީ ލިބުމުން ޤާނޫނުގެ ބާގަނޑުތައް ބައްދަބަލަ.. އަދި މުޖުތަމަޢުއަށް ފުރުސަތުގެ ދަށުން ނުނެރެބަލަ.. މަސްތުވާތަކެތީގެ މައްސަލަތަކުގައި މުޖުތަމަޢު ތެރެއަށް ނިކުތުމުގެ ފުރުސަތު ހަނިކޮށްބަލަ.. އެހެން ކުށްތައް ވެސް މި މުޖުތަމަޢު އިން ފެންނާނެ.. ހަދީޘް ގައިވޭ މަސްތުވުމަކީ ހުރިހާ ކުށެއްގެ މަންމަ(މައިގަނޑު) ކަމަށް..

  2. ޑައެލޯގް

    މިސަރުކާރު އައިފަހުން މިކަންވަރަށް ގިނަވެއްޖެއެވެ. އިންޑިއާފެރީން އެތެރެވާކަމަށް ބެލެވެނީ

    1
    1
  3. ނަން

    ކަމާބެހޭ ފަރާތާއި އެއްވަރަށް ބެލެނިވެރިޔާގެ ކުށް ވެސް ތިތާ އޮތީ. ހާލުގައި ޖެހިފައި ތިބޭ ތިހާ ކުޑަ ކުދިންގެ ބޯތަކަށް ވަންނަން ފަސޭހަ ވާނެ. ދޭއި އާރ ޖަސްޓް ޔޫޒިން ދެމް. ޝޭމްލެސް ޕީޕަލް

  4. އަބްދޫ

    ޑްރަގްރިހިބިލިޓޭސަން ހިންގަމުންދާހާ ދުވަހަކު ޒުވާންޖީލުތަކަށް ޑްރަގްގެ ފުރުސަތު ލިބުން ފަހިވާނެ. އެހެން ކުށްތަކެކޭ އެއްގޮތަށްޑޮރަގްގެ މައްސަލަތަކުގާ ހުކުމްތަންފީޒު ކޮށްގެންމެނުވީ ޑްރަގް ގެ ޖަރީމާ އިން ރާއްޖެ ސަލާމަތް ނުކުރެވޭނެ. އަދި ޑްރަގް އެތެރެ ކުރާ ފަރާތްތައް މަރަން ނިޔާކަނޑައެލެންވާނެ. ގަދަކަމުން އެއްވެސް މީހަކަށް ޑްރަގް ބޯންދީގެން ޑްރަގް ގެ ޖަރީމާތެރެއަށް ކުއްޖަކު ވައްދައިފިނަމަ އެޖަރީމާ ހިންގި މީހަކަށް މަރުގެ ހުކުމް އަންނަން ވާނެ. ޑްރަގް އަކީ އިސްލާމްދީނުގާ ރާހަރާމް ކުރައްވާފަ އޮތް ހުކުމްގަ ހިމެނޭ މަސްތުވާ އެއްޗެއްކަމަށް ދެކެން. ތިމާ ކެއިން ބުއިމަށް ބޭނުންކުރަނީ ހަލާލު ތަކެތިކަމަށް ވިޔަސް އެބޭނުންކުރުމުން ތިމާގެ ނަފްސަށް ގެއްލުންވާނަމަ އެއެއްޗެއް ބޭނުންކުރުން އެމީހަކަށް ހަރާމްވެގެންވޭ. އަމިއްލަ ނަފްސަށް އަނިޔާވެރިވުމަކީ ދަންޖެހި މަރުވާމީހުނާ ފަދަކަމެއް މާތްﷲ ހަރާމް ކުރައްވާފައިވާކަމެއް. ވީމާ ކޮންމެ ޑްރަގަކީ ވެސް ކޮންމެ ރާއަކީ ވެސް ހަރާމް އެއްޗެއް. ހަރާމްއެއްޗެއްވިޔަސް ހަލާލު އެއްޗެއްވިޔަސް އެ ބޭނުންކުރުމުން ތިމާގެ ނަފްސަށާއި ޖިސްމަށް ގެއްލުންވާ ކޮންމެ އެއްޗަކީ މާތްﷲ އެ ފަރާތަކަށް ހަރާމްކުރެއްވިތަކެތި އެތަކެތި ބޭނުންކުރުން އަޒާބު ލިބޭނެ ފަރާތެއް.

  5. ދޭޓަރގެޓިންޗިލްޑުރެން

    މިއީ އިބޫ ވެރިކަމުގައި ގާނޫނުގައި އެޅި ކެނޑި ބާނގަނޑެއް ނޫނީ ލީގަލް ލޫޕް ހޯލް އެއް ސުވާލު ކުރަން ޖެހޭ މިއީ ޑުރަގް ޑީލަރުންގެ ފައިދާއަށް ކުރިކަމެއް ތޯ މީގެ ސަބަބުން ކުޑަކުއްޖަކަށް ވާނެ ހަމަ އެއްވެސް ފައިދާއެއް ނެތް ކުދިންނަށް ރެކްރޫޓް ކުރާ މިންވަރުވާނީ އިތުރު

  6. ޖަމާލު

    ކޯއްޗެއް ކިޔާކައްތަ. އިސްލާމް ދީނަށް ފުރައްސާރަ ކުރަން ޖަމާއަތްތައް ހަދައިގެން އެ ޖަމާއަތްތަކުގެ ބޮޑުންނައް ތިބެގެން ދީނަށް ފުރައްސާރަ ކޮށް ޅަދަރިންނާ ޒުވާނުންގެ ސިކުނޑި ހަރާބު ކޮށް އިސްލާމް ދީނާ ދުރަށް ޖެހެމުން ދާވަރަކަށް ﷲ ހަރާމް ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނާނެ ނޫންތޯ. މަސްތުވާ މީހުންނަށް ﷲ ކަނޑައަޅުއްވާފައިވާ އަދަބު ދީބަލަ އެ އިރުން ތިކަން ހައްލު ވާނެ. މަސްތުވާ މީހުން އެއީ ބަލިމީހުން. ދީނަށް ފުރައްސާރަ ކުރާ މީހުން އެއީ ނަފްސާނީ މީހުން. އިންޑިއާ އައްޓު ކިޔާމީހުން އެއީ ހަރުކަށި މީހުން. ދެން ކިހިނެއް ތި ކަންތައް ހައްލު ވަނީ. އިންޑިއާ އާ އެއްބާއި ވެގެން ރާއްޖެ ހަރާބު ކުރަނީ މޑޕ

  7. މިތުރާ

    ބެލެނިވެރިންތަ ސަމާލުވާންވީ؟ ގައު މުހިންގަންތިބިވެރިންތަ؟ ނޫނީ ޑުރަގު ހުށްޓުވަން ބެލެނިވެރިން މަގު މައްޗައް ނުކުންނަންވީތަ؟

  8. އިބޫ ހޯލިސް

    14 އަހަރު ނުވާ ކުއްޖެއްވީމަ އެކުއްޖާއައް އެއްވެސް ގާނޫނީ ޒިންމާއެއް އުފުލަން ނުޖެހޭ ކަމަށްވާނަމަ، އެކުއްޖާ ޕްރޮގްރާމްގައި ބައިވެރި ކުރުވުމަށާ، ސްކޫލަށް ގެންދިއުމަށް ކުއްޖާގެ ރުހުން ހޯދާކަށްވެސް ނުޖެހޭނެ. ޒިންމާއެއްނެތި ހައްގެއް ނުލިބޭނެ އަދި ހައްގެއްނެތި ޒިންމާއެއްވެސް އުފުލާކަށް ނުޖެހޭނެ