ނިމިދިޔަ 2022 ވަނަ އަހަރުގައި 40 ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެފި އެވެ.

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން އެހެން ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން، ފޮސްޓާރިން އަދި ރިއިންޓެގްރޭޝަން ހިދުމަތުގެ އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުގަ އެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދައުލަތުގެ ބެލުމުގެ ދަށަށް އަލަށް ވަނީ 40 ކުއްޖަކު ނަގާފަ އެވެ. އެއީ 23 އަންހެން ކުދިންނާއި 17 ފިރިހެން ކުއްޖެކެވެ.

އާއިލާތަކާއި ނުވަތަ ވަޒީފާ އަދި އިންޓާޝިޕްގެ ފުރުސަތު ހޯދައިދީ 40 ކުއްޖަކު މިދިޔަ އަހަރު ރީއިންޓެގްރޭޓް ކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެއީ 22 އަންހެން ކުދިންނާއި 18 ފިރިހެން ކުއްޖެކެވެ.

މިދިޔަ އަހަރު ދައުލަތުން ވަނީ 10 ކުއްޖަކަށް ބެލެނިވެރިން ހޯދައިދީފައެވެ. އެއީ ހަތް އަންހެން ކުދިންނަށާއި ތިން ފިރިހެން ކުދިންނަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 187 ކުދިންނެވެ. އެއީ 82 އަންހެން ކުދިންނާއި 105 ފިރިހެން ކުއްޖެކެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން، 2020 ވަނަ އަހަރު އެއް ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ވަނީ ބަދަލުކޮށްފައެވެ. އަދި 2021 ވަނަ އަހަރު ތިން ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައެވެ. ފާއިދުވެދިޔަ އަހަރުތަކާ އަޅާކިޔާއިރު އެންމެ ގިނައިން ކުދިންގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙޮބޭ

    ދައުލަތުގެ ބެލުމުގެ ދަށަށްދާ ކުދިން ތަރުބިއްޔަތު ކުރުމުގެ ކަންކަން ހަރުދަނާކުރަން ޖެހޭ. އޭގެތެރެއިން ބައެއްކުދިންނަކީ ލޯތްބާއި އަޅާލުން ދިނަސް އިޞްލާޙު ނުވާނެ ކުދިން. ކުޑަކުދިންގެ ޙައްގުތައް އޮތަސް އެކުދީން ތަރުބިއްޔަތު ކުރުމުގައި އެކަށީގެންވާ އަދަބުތައްދީގެން އިޞްޙުކޮށް މުޖުތަމައަށް ނެރުމުގެ ބުރަމަސައްކަތް ކުރަންޖެހޭ. މީގެކުރިންވެސް އިޞްލާހިއްޔާއިންވަނީ ވަރަށް ހަރުދަނާ ދަރިވަރުންތަކެއް މުޖުތަމައަށް ނެރިފަ.މިއަދު އެކުދިންގެ ޙައްގުތައް ތަންމިނަށް ދިނުމުން ދަރިވަރުންގެ އުޅުމާއި އަޙުލާގަށް އެދެވޭބަފަލެއް ނާދެ. ވައްކަން ކުރުމާއި ގުރޫޕް މާރާމާރީއާއި ޑުރަގު ނެގުމާއި މަސްތުވާތަކެތި ބޭނުން ކުރާމިންވަރު އިންތިހާއަށް ދަނީ އިތުރުވަމުން. މިކަން ހުއްޓުވޭނީ ކަމާގުޅޭ ފަރާތްތަކުން އިންސާނީ ޙައްގުތަކާއި ކަންކަން ރާއްޖޭގެ ވެއްޓާ ގުޅޭގޮތަށް ބަދަލު ގެނައުމުން.

  2. ދަލާސްޓް

    ދައުލަތަށް ނަގާފައިވަނީ ހަމަ އެކަނި ދިވެހިންނަށް ލިބިފައިވާ ކުދިންތޯ. ނޫން. ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާ އަންހެނަކު ވިހާފަ މަރަން މަސައްކަތް ކުރި ކުއްޖަކުވެސް ތިތާގަ ވެއްޖެ. އެ އަންްހެން މީހާ މިހާރު މަސައްކަތް ކުރަނީ ޓީވީއެމް ކާރި ރެސްޓޯރަންޓެއްގަ. އިންޑިއާ މީހެއް ވީމަކަންނޭގެ އޭނަ ހިންގި ޖަރީމާއަށް އަދަބު ނުލިބި އަނެއްކާވެސް މިފަސްގަނޑުގަ މަސައްކަތް ކުރަން އެއުޅެނީ.

  3. Anonymous

    މިހާރު އެ ސާޅީސް ކުދިން އުޅެނީ ދައުލަތުގެ އިހުމާލުން ކުށް ކުރުމުގައި އަވެދިނެތި. އަބަދުފިލައިގެން އުޅެނީ. ވައްކަންކުރަނީ. ގެސްޓްހައުސްތަކުގައި ބަދުއަހުލާގީ އަމަލުހިންގަނީ މަސްތުވާ ތަކެތި ބޭނުންކުރަނީ. ތައުލީމެއް ނުލިބޭ. އެއްވެސް ވަރަކަށް ފަރުވާއެއް އަޅައިލުމެއް ނުލިބޭ.
    ފުއްޕާފަ ސާޅީހުން ފަންސާހުން ކުދިން ނެގީމަ އެއީ މޮޅު ކަމެއްނޫން. މޮޅު ކަމަކަށް ވާނީ އެކުދިން ތިބި މާހައުލަށްވުރެ ރަނގަޅަށް އެކުދިން ބެލެހެއްޓޭނަމަ. އެކުދިންކުށުގެ ތެރެއަށްވައްދައި ހަލާކުކޮށްލާފައި ގެންގޮސް އާއިލާ އާއި ހަވާލުކޮށްފަ ތިމަންނާމެންގެ ޒިންމާނިމުނީއޭ ބުނުމަކުން ކަމަކު ނުދާނެ.

  4. ޙައްވަ

    ތިޔަ 40 ކުދިންގެވެސް އާއިލާއެއް އޮންނާނެ އެކުދިންގެ އާއިލާތަކާ ހަވާލު ކޮއްބަލަ ކޮއްމެހެން ނުޖެހޭ ދައުލަތުން އެކުދިން ނަށް ރަގަޅުތަރުބިއްޔަތެއް ނުދެވޭއިރު ދައުލަތަށް ނަގައިގެން އުޅޭކަށް އާއިލާތަކާހަވާލުކުރޭ