ރާއްޖޭގައި ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމަށްޓަކައި ސަރުކާރުގެ ޕީއެސްއައިޕީ ދަށުން ކުރިޔަށްދާ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލުގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރެއް ހަރުކޮށްފިއެވެ.

ގަމުގެ އީކްއެޓާ ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.

މި މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ 10 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިންގް ސެންސަރު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖަަރުމަނު ވިލާތުގެ ބްރޭންޑެއްކަމަށްވާ "އައި.ކިއު އެއާރ"ގެ ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރު ހަރުކުރުމަށްޓަކައި މިންކުރެވިފައިވަނީ އާބާދީގެގޮތުން ގިނަބަޔަކު ދިރިއުޅެމުންދާ ރަށްތަކުގައެވެ. އެގޮތުން، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ކ. މާލެ، ކ. ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ، އަދި ޏ. ފުވައްމުލަކުގައި މި ސެންސަރ ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފުންގެ ބެލުމުގެ ދަށުން މި ސެންސަރުތައް ހަރުކުރެވޭ އިރު، އެއިން ކޮންމެ ރަށެއްގައި އާއްމުންނަށް މިކަމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ސެންސަރުތަކުން 5 އަހަރު ދުވަހުގެ މުއްދަތަށް، ވައިގެ ސާފު މިންވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ލިބިގެންދާނެއެވެ. އަދި އެއްކުރެވޭ ޑޭޓާގެ އަލީގައި ވައިގެ ނުސާފުކަން ނުވަތަ ތަޣައްޔަރުވެފައިވާ މިންވަރު ދެނެގަނެވި، މި ޑޭޓާ ތަހުލީލުތަކާއި ދިރާސާތައްކުރުމަށް ބެނުންކުރެވޭނެއެވެ.

މީގެ އިތުރުން "އައި.ކިއު އެއާރ"ގެ މޯބައިލް އެޕްލިކޭޝަން އިންސްޓޯލް ކުރުމާއެކު ވެބްސައިޓް https://www.iqair.com/ ގެ އެހީގައި ވައިގެ ސާފު މިންވަރު އަންގައިދޭ ޑޭޓާ އާއްމުންނަށް ފެންނަން ހުންނާނެއެވެ.

ވައި ނުސާފުވުމަކީ ދިގު މުއްދަތެއްގެ ތެރޭގައި ސިއްހަތަށް ނުރައްކާ ކަމަކަށްވާ އިރު ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ބޭނުންކުރަން ފެށުމަކީ ހޯދޭނެ ވަރަށް ބޮޑު ރައްކާތެރި ކަމަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    ރާއްޖެ އަކީ ވައި ނުސާފުވާ ގައުމެއްނޫން. ގިނަގިނައިނަ ވާރޭވެހޭ ވަށައިގެން ވަރުބަދައެއް ނުހުރޭ ހެޔޮ މިންވަރަކަށް އަބަދުވެސް ވައިޖެހޭ . ވައި ދަތުރުކުރަނީ ކަނޑުންއަރާ ފެނުގެ އާވީގެތެރޭގަ ހެޔޮވަރެއްގެ ތެތް ކަމަކާއެކު. މިހެންވުނުން ނުސާފު ވައި ރާއްޖޭގަ ހަރުލާ ހުރުމުގެ ފުރުސަތު ނެތޭ ބުނެވޭވަރުވޭ. ދާދި ފަހުން ޖައްވު ބަނަވީ ވެސް އިންޑިޔާގެ ނުސާފު ހިރަފުސް ރާއްޖޭގެ ސަރަހައްދަށް އައުމުން. އިންޑިޔައިންއައުން ހުއްޓުމާއެކު ރާއްޖެ އިންއެކަންފިލައިގެންގޮއްސި. ވީމާ ރާއްޖެ އަކީ ވައިނުސާފު ގައުމެއްނުން،

  2. ސަންޕާ

    އައްޑޫގެ ތަރައްޤީއަށް އިޔައޮތީ ބިޔަ މަސްރޫޢެއް. ޝުކުރިއްޔާ.

  3. ދީދީ

    ތިކަހަލަ ކަންކަމުން އައްޑޫ ތަރައްގީކޮށްލީމައި ރަނގަޅުވާނެ. އައްޑޫ މީހުންވެސް ވަރަށް އުފާވާނެ ތިބާވަތުވެ ތާކުންތާކުނުޖެހޭ މޮޅުކަންތަށްތަކުން.

  4. ނަން

    ދިރާގް އެންޓެނާތަކުގަވެސް އެމީހުން ފާޑުފާޑު އެއްޗެހި ހަރުކުރޭ ، ރޭންޖް ކަވަރ ކުރަން ނޫނީ ސިގްނަލް ރަގަޅު ކުރަން. އެެ ހަރުކުރުމަކުން ރައްޔަތުންނަށް ކޮންމެވެސް ފަސޭހައެއް އެބަލިބޭ. މި ސުރުހީއަށްވުރެ މާބޮޑަށް ރަގަޅުވީސް އައްޑޫގެ ފަޅު ކޮނެފަ ވެލި ވިއްކާ ކައުންސިލަރުންގެ އެކައުންޓް ތިޔާގި ކުރާވާހަކަ އަރުވާލިނަމަ...