ހިޔާ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ 15 ދުވަހުގެ މުއްދަތަށް، އެ މަގުތައް ބަންދުކުރަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރެވެމުންދާއިރު ދުވަސްވީ މީހުންނާއި، ކުޑަކުދިން އަދި ނޭވާހިއްލާ މީހުން މި ދުވަސްވަރު މި މަގުތަކާއި ކައިރި ނުވުމަށް އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ތާރު އެޅުމުގެ މަސައްކަތުގައި ބޭނުން ކުރެވޭ ތަކެތީގެ ވަހުގެ އަސަރު މި ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކޮށްފާނެތީ އެކަމަށް ރައްކާތެރިވުމަށް ވެސް އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީން މިމަހުގެ 21 ވަނަ ދުވަހު ބުނެފައިވަނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަހައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުން ކުރެވޭގޮތަށް މަގު ހުޅުވާލާނެ ކަމަށެވެ.

ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު، އެޗްޑީސީން އަންނަނީ އެސަރަހައްދުގެ މަގުތައް ޒަމާނީ ފެންވަރެއްގައި ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ހުރިހާމީހުން މިދުވަސްވަރު މާސްކް އަޅައިގެން އުޅުން ރަނގަޅު.

  2. ރޯނުސާލީހް

    އެތާގަ ދިރިއުޅޭ ރައްޔިތުންނައް އިތުރައް ކުރެވޭނެ އުނދަގުލެއް ނޭގުނީތަ؟
    މިހާރުވެސް ޕާކެއް ހަދާށޭ ކިޔާފަ އެއްފަރާތް އެއްކޮއް ބަނދުކޮއްގެން އުފުލާ އުނދަގޫ ހަމަ ނޭގެނީތަ؟
    އެތާގަ ދިރިއުޅޭ ރައްޔިތުން ނުކުމެ ކަންކަން ހަމަޔައް އަޅުވަން މަޖުބޫރު ކުރުވަނީތަ؟