އަނިޔާވެރިކަން މިއަދު އޮތީ ކަރުނައަޅަން ޖެހޭ ހާލަތުގައި ކަމަށާއި އިހްމާލުވެވިއްޖެނަމަ ދިވެހި ރައްޔިތުންނަށް ދެން ދިވެހި ގައުމު އަތުނުވާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ މަރަދޫގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގޮތް ނިންމުމަށް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ މުސްލިމަކަށްވީތީ އަނިޔާވެރިކަމާ ދުރުވެ އިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި އިންސާފު ގާއިމުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ގައުމު މިއަދު މިއޮތް ހާލަތަކީ ކޮންމެ ރައްޔިތަކުވެސް ވިސްނާ ފިކުރުކުރަންޖެހޭ ހާލަތެއް, ގައުމުގެ ހާލަތު ބަދަލުކުރުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއް" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ވަކިވަކި ރަށްތަކަށް ބަލާއިރު ރަށްތައް ތަރައްގީވާން ޖެހޭ މިންވަރަށް ތަރައްގީކުރެވިފައި ނުވާ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ބޮޑެތި އަގުތަކުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ގައުމު މިއަދު މިއޮތް ހާލަތުން އަރައިގަތުމަށްޓަކައި އިގްތިސޯދީ މާހިރަކު ގައުމުގެ ވެރިކަމާ ހަވާލުވުން މުހިއްމު ކަމަށާއި އިބްރާހީމް މުހައްމަދު ސޯލިހަކީ އިގްތިސޯދީ ދާއިރާގައި ވެސް ހުނަރުވެރި ގާބިލް ބޭފުޅެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫ އަކީ އޭނާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އިބޫ އަކީ އެންމެންނާވެސް ގުޅޭ މަޑުމައިތިރި ޚުލްގުހެޔޮ ބޭފުޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަސީބް

    ޢަނިޔާވެރިކަން ވީމަދޯ މަޖިލިސް ޖަލްސާތަކަށް ހާޒިރުނުވެތިބެ އަހަރުދުވަސްވަންދެން މުސާރަ ނަގައިގެން ކައި ކައި ތިޔަތިބެނީ

  2. ޑިމޮކްރަޓިސްޓް

    ހުރިހާ ކުއްވެރިން ނެރެ މަގުތަކަށް ދޫކޮށްލާ.. އޭރަށް ކަރުނައޅަންޖެހޭނެ މީހަކު ނުތިބޭނެ.. ޖަލުތައް ތަޅާލާ.. އެމީހަކުބޭނުން އެއްޗެއްބޮއިގެން .. ކައިގެން.. އުޅެވޭނެ ގޮތްހަދާ.. އެޔެއްނު ކަލޭމެން ތިނުވެގެންތެޅޭކަމަކީ..

  3. ހުސޭނުބޭ

    ކަލޭމެން ކަރުނައަޅާ ރޯތަން ފެނުނު މީހަކު ނިކަން ދައްކާބަލަ! އެހެންނެއްނޫން! ރިޝްވަތާއި މަކަރުގެ ގޮތުގައި ލިބެންޖެހޭ ފައިސާކޮޅު ނުލިބުމުން ވަރަށް ބޮޑާހާކާތަން ފެނޭ!

  4. އަބްދުއްލާ

    އަނިޔާ ވެރިކަމުން ކުރީ ކޮންކަމެއް ؟ ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުން ބޭރުން އެއްވެސްކަމެއް ސަރުކާރުން ކޮށްފައެއްނެތް އިދި ކޮޅޭ މިކިޔާ މީހުން ކުށްކުރީމަ އެކުށަށް ގާނޫނުގާއޮތް އަދަބު ދިނީމަ މިކިޔަނީ އަނިޔާއޭ . ތިމާ ކުށުން ސަލާމަތްވެ ހުންނަން ދަސް ކުރަން ނުވޭތަ ؟

  5. ޙަފްޞާ / މާލެ

    ރައީސް ޔާމީން ، ނުވަތަ މިސަރުކާރުން ކުރި އަނިޔާކަމަށް ތިކިޔާ ކަންތަކުގެތެރެއިން އެއްކަމެއް ބޭބެޔަށް ކިޔާދީބަލަ! ބޭބެ ހަމަ ވިސްނަވިސްނާވެސް ނޭގުނު! ކުށެއްގެ ތުހުމަތުގައި ކޯޓުގެއަމުރަށް ހައްޔަރުކުރުމާ ، މައްސަލަަ ތަޙްޤީޤުކޮށް ، ދެފަރާތުގެވަކީލުން ޝަރީޢަތުގައި ވަކާލާތުކޮށް ކުށްވެރިވިމީހާޔަށް ކޯޓުން ޙުކުމްކޮށް އަދަބު ދިނުމަކީ އަނިޔާކަމަށްވާނަމަ ބޭބެ ބުނާނޭ ވާހަކައެއް ނެތް! ބޭބެޔަށް ފެންނަނީ ދަށުކޯޓުގެ ޙުކުމަށް އެންމެ މަތީކޯޓުންވެސް ތާއީދުކޮށްފައިވާތަން! ރައްޔިތުން މިތިބީ ވާނުވާ ނޭގިގެނެއްނޫނެވެ. ރައްޔިތުން ވާވައްދަން ނޫޅުމަށް ކަލެޔަށް ގޮވާލަމެވެ. ފައިޞާލްނަސީމަށް ދޭނޭވޯޓެއް ރައްޔިތުންއަތަކު ނެތެވެ.

  6. ބުރުމާކަށި

    އަސްލު ތިބުނީ ތެދެއް، ވެރިކަމާހެދި މިޤައުމުގެ ރައްޔިތުންނަށް ކަލޭމެންގެ ތިދޭއަނިޔާ އާއި ދުއްތުރާ މިއަދު އޮތީ ކަރުނައަޅަން ޖެހޭ ހާލަތުގައި، އެކަމަކުވެސް ތިއުޅެނީ ރައްޔިތުންނަށް ހެޔޮއެދޭ ބަޔެއްކަމުގެ ދަޅަ ދައްކައިގެން ވެރިކަން ހޯދަން

  7. Anonymous

    ކޮން އަނިޔާވެރިކަމެއްގެ ވާހަކައެއްތަ މިދައްކަނީ؟ އެންމެ ނުލަފާ މީހުންގެ ފާޑަށް ވާހަކަ ދައްކާނީވެސް. ދޮގުހަދާލަން ބިރެއް ނުގަންނާނެ.އެހެން އެވަނީ ދީނެއް ނެތީމަ. ﷲ އަށް ބިރުވެތިނުވާތީ.

  8. ހފފސ

    މީނަވެސް އެންމެ ފަހުން މިވީ ހަމަ ޝައިޠާނަކަށް.