ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް ނިންމުމަށް ފަހު، ކެންސަލްކޮށްފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ނުބާއްވަން ނިންމި ސަބަބެއް މަޖިލީހުގެ އިދާރާ އިން ހާމައެއް ނުކުރައްވައެވެ.

މިއަދު މަޖިލިސް ޖަލްސާ ނުބާއްވަން ނިންމާފައި ވާއިރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ރާއްޖެއާ މެދު ފިޔަވަޅުއެޅުމަށް މިއަދު ބައްދަލުވުމަށް އެޖެންޑާ ކޮށްފަ އެވެ.

މަޖިލީހުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު ވަނީ މިއަދު ދުވަހުގެ 11:00 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރިއިރު މުހިންމު ބިލްތަކެއް ސަރުކާރުން ވަނީ މިހާރު ވެސް މަޖިލީހަށް ހުށަހަޅާފައެވެ. އޭގެތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ބިލަކީ ޤާނޫނުލް އުޤޫބާތައް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ތަކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރިއިރު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ދުވަހެއް މަޖިލީހުގެ އިދާރާ އިން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޅަދާނަ

    ވަރަށް ރަނގަޅު މަޖިލްސް ރައީސް. މިއަދު އީޔޫއިން ފިޔަވަޅު އެޅިނަމަ އިނދިކޮޅޭމެން ގިއްގަޅުވާން ތައްޔާރަށް ހުންނެވީތީ އުފާކުރަން. މީ ވަރަށް ވާހަކަ.....