ސ. ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ސ. ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވައްކަން ކޮށްފައިވާކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް، ޖުލައި 15ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާއި ގުޅިގެން، ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށެވެ.
ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިދެމީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސިލިކޯން ޓިއުބް ފޮށި ހޯދައި ވެރިފަރާތާއި މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ސ. ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.
މިމައްސަލަ ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.