ގއ. ކޮނޑޭގައި ހަތަރު ހެކްޓަރު ހުންނަ ވަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ތަކުގެ ބީލަން ކުރިއަށް ގެންދިއުމަށް، ޓޫރިޒަމް މިނިސްޓްރީ އާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ކޮނޑޭގަ ޓޫރިޒަމް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިންތައް ބީލަމަށް ހުޅުވާލުމާއި، އެކަމާ ބެހޭ ގޮތުން ކޮނޑޭ ކައުންސިލް އަށް ބޭނުންވާ ފަންނީ ލަފާ ދިނުމުގެ އެއްބަސްވުމުގައި އެރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު އަބްދުލް ހަކީމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތް ނިލްފާއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ޓޫރިޒަމް ބޭނުމަށް ބިން ދޫކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިދީފައިވާއިރު ޓޫރިޒަމް މިނިސްޓްރީ އާއެކު އެއްބަސްވުން ހެދީ މިނިސްޓްރީ މެދުވެރިކޮށް އެކަން ކުރިއަށް ގެންދިއުމުގެ ފައިދާ ބޮޑުވެފައިވާ ހުރިހާ ކަމެއްގައި ވެސް މިނިސްޓްރީގެ އެއްބާރުލުން ލިބޭތީ ކަމަށް ކޮނޑޭ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެރަށު ކައުންސިލުން ބުނި ގޮތުގައި ބިންތައް ދޫކުރަން އިއުލާނު ކުރާނީ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ނިމުމުންނެވެ. މީސްކޮޅު މަދު އެހެންނަމަވެސް ބިން ބޮޑު އެރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ރަށުގެ ދެކުނު ކޮޅުން ބީޗު ކައިރިން ހަތަރު ހެކްޓަރުގެ ބިން ކަނޑައަޅާފައި ވަނީ ގެސްޓު ހައުސް އާއި ސިޓީ ހޮޓާ ތަރައްގީ ކުރުމަށެވެ.

ކޮނޑޭގެ ބޮޑު މިނުގައި 118 ހެކްޓަރު ހުންނައިރު މީހުން ދިރިއުޅެނީ ވަރަށް ކުޑަކުޑަ ސަރަހައްދެއްގައެވެ. އެރަށުން ބިން ވިއްކާނީ ހަމައެކަނި ރަށު މީހުންނަށް ނޫން ކަމަށާއި ތިން ހާހާއި ހަ ހާހާ އަކަފޫޓު ބޮޑު މިނުގެ ބިން، ރަށުގެ ބީޗު ސަރަހައްދުން ވެސް އެއް ގަމުން ވެސް ދޫކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ބީޗަށް ކުރިމަތިވާ ގޮތަށް އޮންނަ ބިމެއް ވިއްކަން ކަނޑައަޅާފައި ވަނީ އަކަފޫޓެއް 150ރ. ގެ ރޭޓުން ނެވެ. މޫދާ ކައިރި ސަރަހައްދު ތަކުން ބިމެެއް 100ރ. އަަށެވެ. އަދި އެއްގަމުން ވިއްކާ ބިމަކަށް އަކަފޫޓަކަށް ނަގަން ހަމަޖައްސާފައި ވަނީ 70ރއެވެ.