އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށްދަނީ ހުށަހެޅުމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެގޮތުން، އައިބޭ މެދުވެރިކޮށް ނުވަތަ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް މަކަރާއި ހީލަތުން މުދާ ނުވަތަ މޯބައިލް ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ހޯދަމުންދާ ގިނަ މައްސަލަތަކެއް ދަނީ ފުލުހުންނަށް ހުށަހެޅުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެގޮތަށް ގުޅާ މަކަރާއި ހީލަތުގެ ކޯލުތަކުގައި، މުދާ ގަތުމަށްފަހު މޯލްޑިވްސް އިސްލާމިކް ބެންކު މެދުވެރިކޮށް ފައިސާ ދައްކާފައިވާކަމަށް ބުނެ ސައްހަނޫން ސްލިޕެއް ފޮނުވައެވެ.

އެ ފައިސާ، ތަކެތި ވިއްކާ ފަރާތުގެ އެކައުންޓަށް ޖަމާނުވާކަން އެނގެނީ މުދާ ޑެލިވަރީކުރާތާ 24 ގަޑިއިރު ފަހުންނެވެ.

އެހެންކަމުން، އޮންލައިން ވިޔަފާރިކޮށް ފައިސާދެއްކިކަމުގެ ބެންކް ސްލިޕް މުދާ ގަންނަފަރާތުން ފޮނުވި ކަމުގައިވިޔަސް ފައިސާލިބުމުން ނޫނީ މުދާ ޑެލިވަރީ ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ވަރަށް ގިނައެވެ. އެފަދަ އަމަލުތައް ހިންގާ މީހުންގެ އިންސާފުގެ ކުރިމައްޗަށް ނުގެނެވޭ ކަމުގެ ޝަކުވާ ވެސް ބޮޑެވެ.