އިންތިޚާބުތަކާބެހޭ ގާނޫނުތަކަށް ދާދި މިދާކަށްދުވަހު ގެނައި ބަދަލަކާ އެކު، އަމިއްލައަށް ވޯޓް ކަރުދާހުގައި ފާހަގަ ނުޖެހޭ މިންވަރަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި، ވޯޓް ލައިދޭނީ ވޯޓްލާ މަރުކަޒުގެ ވެރިޔާ ކަނޑައަޅާ އިލެކްޝަންސް ކޮމިޝަންގެ އޮފިސަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

އިންތިޚާބުތަކާބެހޭ ޤަވާއިދަށް މި ބަދަލު ގެނެސްފައިމިވަނީ، ރައްޔިތުންގެ މަޖިލީހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެންނެވެ. އެ އިސްލާހުތަކާއެކު އަމިއްލައަށް ވޯޓް ކަރުދާހުގައި ފާހަގަ ނުލެވޭ މީހުންނަށް އެ މީހަކު އިހުތިޔާރު ކުރާ މީހަކު ލައްވާ ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި ވޯޓް ދެވިދާނެ ކަމަށް ބުނެފައިވާ މާއްދާ ވަނީ އުނިކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް "ވަގުތު" އަށް ވިދާޅުވީ، އިންތިޚާބުގެ ޤަވާއިދަށް އިސްލާހު ގެންނެވީ އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ކަމަށާއި، މިގެންނެވި ބަދަލާ ގުޅިގެން ކުރިއަށް އިތް ރިޔާސީ އިންތިޚާބުގައި އަމިއްލައަށް ވޯޓުލުމަށް ނުކުޅެދޭ މިންވަރަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި ވޯޓް ލައިދޭނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލެއް ކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، މި ބަދަލުގެ މައިގަނޑު ބޭނުމަކީ، އޮޅުވާލައިގެން ވޯޓުލުމާއި، ވޯޓް ގަތުމުގެ އިތުރުން އެކި ގޮތްގޮތުން ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓުވުން ކަމަށެވެ.

މިފަދަ ބަދަލެއް އިންތިޚާބުތަކުގެ ޤަވާއިދަށް ގެނެވުނުއިރު، މީގެ ކުރިން އިންތިޚާބުތަކުގައި އަމިއްލައަށް ވޯޓުލެވޭ މީހުންވެސް ނުފޫޒުގެ ސަބަބުން ނުކުޅެދޭ މީހުން ކަމަށްބުނެ އެހެން މީހުން ލައްވާ ވޯޓުލުންފަދަ ހާދިސާތައް ހިނގާފައިވާޚަން ފާހަގަކޮށްލެވެއެވެ.

ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރ ވުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ވާދަ ކުރައްވަން ނިންމަވާފައިވާއިރު، ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އިންތިޚާބުގައި ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކާ އެކު ކޯލިޝަނެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަކުރަމް

    އަމިއްލައަށް ވޯޓް ކަރުދާހުގައި ފާހަގަ ނުޖެހޭ މިންވަރަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި، ވޯޓް ލައިދޭނީ ވޯޓްލާ މަރުކަޒުގެ ވެރިޔާ ކަނޑައަޅާ އިލެކްޝަންސް ކޮމިޝަންގެ އޮފިސަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު އެމީހާ ބޭނުންވާމީހެއް ހާޒިރުގަހުރުން ލާޒިމްކުރިނަމަ ޤަބޫލްކުރަންފަސޭހަވީސް، މިހާރު ތިހެދިގޮތުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަކޮންމެމީހެއްގެ ވޯޓަކީ މިރައީސައް ލިބޭވޯޓެއްކަން %100ޔަޤީން

  2. ފާތުން

    ޢަމިއްލައަށް ކަންކަން ނުކުރެވޭ ހުރިހާމީހުން ބެލެހެއްޓުން އިލެކްޝަން އޮފިސަލުންނާ ހަވާލުކުރޭ. ޢެބަޔަކު ބަލަހަށްޓާ ބައެއްގެ ކަންކަން އެބަޔަކު ކުރާނީ. ހަމައެކަނި ކަރުދާހުގަ ފާހަގައެއްނޫން އެމީހުނަށް ނުޖެހެނީ. ދަރިން ހުރިހާކަމެއްކޮށްދީގެން ގެންގުޅެފަ ހަމައެކަނި ކަރުދާހުގަ ފާހަގަ ޖަހަންވީމަ ސަރުކާރަށް. ނުވާނެ ތިކަމެއް

  3. ފާތުން

    ޔާމީނާ ދެކޮޅަށް ލިޔާކޮންމެ އެއްޗެއް ޑުބުލިކޭޓް ވާނެ