ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތެލެސީމިއާ އަށް ހޭލުންތެރި ކުރުމުގެ ސެމިނާ އެއް އައިޖީއެމްއެޗްގައި ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެން ދިޔުމަށް ހަމަޖެހިފައިވާ މި ސެމިނާ އަކީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ތެލެސީމިއާއަށް ހޭލުންތެރިކޮށް ތެލެސީމިއާ އަށް ފަރުވާ ހޯދާ މީހުންނަށް ފަރުވާ ދެއްވާ ފަރާތްތަކަކީ ތެލެސީމިއާއާއި ބެހޭ މައުލޫމާތު މުއްސަނދި ގާބިލް ބޭފުޅުންތަކަށް ހެދުމުގެ މަގުސަދުގައި ހިންގޭ ސެމިނާއެކެވެ.

ސެމިނާ ފެށުމުގެ ގޮތުން އައިޖީއެމްއެޗް ގައި ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރު މުހަންމަދު ނާޒިމްއެވެ.

ހަފްލާގައި ބައިވެރިންނާއި މުހާތަބު ކުރައްވާ ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވިގޮތުގައި ތެލެސީމިއާ އަކީ ރާޢްޖޭގައި ބޮޑު މައްސަލައެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން "ރާޢްޖޭގެ އާބާދީގެ ސޯޅައިންސައްތަ ތެލެސީމިއާ ބަލީގެ އަސަރުކޮށްފައިވޭ. އަދި އޭގެތެރެއިން ހަސަތޭކޭއަށް ހާ ފަރާތްތަކަކީ ތެލެސީމިއާ ޕޭޝަންޓުން. އޭގެތެރެއިން ތިންސަތޭކައެއްހާ ފަރާތްތަކަކީ ރަށްރަށުގައި އުޅެމުން އަންނަ ފަރާތްތަށް" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ފާހަގަ ކުރެއްވި ގޮތުގައި ރަށްރަށުގައި ތިބި ތެލެސީމިއާ ޕޭޝަންޓުންނަށް ރަށްރަށުގައި ތިބެގެންފަރުވާ ހޯދުމަށް ހުރަސް އެޅިފައި ވުމުން ރައީސް ޔާމިން ގެ އިސްނެންގެވުމާއެކު ތެލެސީމިއާ އަށްފަރުވާކުރުމަށް ފަސޭހަ އިންތިޒާމް ތަކެއް ހަމަޖެއްސެވުމަށް ނިންމެވިކަމަށެވެ.

އެގޮތުން ހުރިހާ އަތޮޅުތަކުގައި ތެލެސީމިއާއަށް ސްކުރީން ކުރެވޭނެ އިންތިޒާމް ހަމަޖައްސާދެވިފައިވާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. 2015 ވަނަ އަހަރުން ފެށިގެން ޒަކާތު ފަންޑުގެއެހީގައި ތެލެސީމިއާ ކުދިން ބޯންމެރޯ ހެދުމަށް ރާޢްޖޭން ބޭރަށް ފޮނުވަމުން އަންނަކަން ވެސް މިނިސްޓަރު ނާޒިމް ފާހަގަ ކުރެއްވިއެވެ.

އައިޖީއެމްއެޗް ގައި މިއަދު ފެށި ސެމިނާއާ ގުޅޭގޮތުން ވަގުތަށް މައުލޫމާތު ދެއްވަމުން ޑރ ނިޔާޝާ އިބްރާހިމް ވިދާޅުވީ މި ސެމިނާ އަކީ ވަރަށް ފުޅާދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ސެމިނާއެއް ކަމަށާއި އަދި މި ސެމިނާގެ ސަބަބުން ވަރަށް އަގުހުރި މައުލޫމާތުތަކެއް ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

ތެލެސީމިއާ ސެންޓަރުން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ފެށި ސެމިނާގެ އިތުރު ސެމިނާތަކެއް ކުރިޔަށް އޮތްތަނުގައި ރާޢްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް އޮތްތަނުގައި ހިންގާނެއެވެ.