މި އަހަރުގެ ޖެނުއަރީ މަހު ސަރުކާރުގެ މުވައްޒަފުންގެ އެވްރެޖް މުސާރަ 1.6 ޕަސެންޓައް އިތުރުވެފައިވާ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ޖެނުއަރީ މަހުގެ ގަވާމަންޓް ވޭޖް އިންޑެކްސްގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީމަހު ސަރުކާރު މުވައްޒަފުންގެ މުސާރައަށް 430.9 މިލިއަން ރުފިޔާ ވަނީ ދައުލަތުން ހޭދަކޮށްފަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރައަށެވެ. އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް 285 މިލިއަން ރުފިޔާ ހަރުކޮށްފައިވެއެވެ.

ޖެނުއަރީ މަހު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް 53.8 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާއިރު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް 92 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީމަހު ސަރުކާރު މުވައްޒަފެއްގެ އެވްރެޖް މުސާރައަކީ 15686 ރުފިޔާއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މިއީ 1.6 ޕަސެންޓުގެ އިތުރުވުމެކެވެ. ޑިސެމްބަރުމަހު މި އަދަދު ހުރީ 15441 ރުފިޔާގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެވްރެޖް މުސާރަ އެންމެ ބޮޑަށް އިތުރުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. އެމަހު އެވްރެޖް މުސާރަ ހުރީ 16,531 ރުފިޔާގައެވެ.

ސަރުކާރު މުވައްޒަފުންގެ އަދަދަކީ 27467 އެވެ. އަދި ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭ ސަރުކާރު މުވައްޒަފުންގެ އަދަދުވަނީ 33.3 އިންސައްތައަށް އިތުރުވެފައެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޝާއިއުކުރަން ފަށާފައިވާ، މަންތްލީ ގަވަރމަންޓް ވޭޖް އިންޑެކްސް ރިޕޯޓްގައި ހުންނަނީ ސަރުކާރު ވަޒީފާތައް ތިން ގިންތިއަކަށް ބަހާލާފައިވެއެވެ. އެގޮތުން ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދުތަކާއި، އެދާއިރާތަކުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހޭދަވާ މިންވަރުގެ ތަފްސީލް ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަ

    މަ މީ ތައުލީމީ ދާއިރާގެ މުވައްޒަފެއް ނޫން ދޯ؟ ގައިމު ބައި ލާރިވެސް އިތުރެއް ނުވޭ! ބަގުއާސް

  2. ޢަބްދުއްލަޠީފު

    ލިޔެވޭވަރައްވުރެ ދިގުވީމަ ނުލިޔެ ހުއްޓާލައިފިން. ލިޔުނަސް ވާނެ ކަމެއްނެތް.ވަގުތު ނޫހުން ހަގީގަތް ލިޔުނީމަ ނުޖަހާނެ. ހުތުރު އެއްޗިހި ގޮވީމަ އެކަނި ލިޔަނީ. ރައީސް ކަމައް ނިކުންނަން މިއުޅެނީ. މަކަރާ ހީލަތާ ދަތިކުރުމުގެ ފިޔަވަޅުތަކައް ނިމުމެއް ގެނެސް މުސާރަ ހަމަމަގައް އަޅުވަން.

  3. ޙަސަން

    މުސާރަތައް ބޮޑަސް އޭގައި މުސާރަ ހަމަހަމަ ކުރުމުގައި އެއްވެސް އިންސާފެއްނެތެވެ. އިއްޔެ ސަރުކާރު ކުންފުންޏަކަށް ވަތް މަސައްކަތު މީހަހަށް އޓޓީއާއެކު 9000ރ ލިބެއެވެ. އެކަމަކު ސަރުކާރުުގައި 30 އަހަރު 35 އަހަރު އުޅެފައިވާ އެޑްމިން މުވައްޒަފަކަށް ލިބެނީ 8000 ރ އެވެ. އަދި 15 ، 20 އަހަރު އުޅެފައިވާ މީހަކަށް ލިބެނީ 7400ރ އެވެ. މީ އިންސާފުހެއްޔެވެ؟ އަބަދުވެސް އެންމެ ދަށް މުސާރައިގާ އުޅުމުގެ ސަބަބުން މުސްކުޅިވީއިރު ގެދޮރުގަނޑެއް ނޭޅެއެވެ. ނިކަމެތި ކަމުގައި ޢުމުރު ހޭދަކޮށް ސަރުކާރުން ވަކިވާއިރު އެންމެ ރުފިޔާފޮއްޗެއް އިތުރު ނުވެއެވެ. މިހާރުވެސް ޓީޗަރުންނަށް 19000ރ ދޭން އިޢުލާން ކުރިއިރު އިދާރީ ގޮތުން އެޗްއާރު ޑިގުރީ އޮތް އެޑްމިން މީހަކަށް ލިބެނީ 7400ރ ކޮބާ މުވައްޒަފުންގެ ޙައްޤުތައް ކޮމިޝަނުގެ ބޭފުޅުންނާ ޤައުމުގެ އިސްވެރިންނަށް އެނގޭބާއެވެ.

  4. ސަމްކުޅިބޭ

    މަކަރާ ހީލަތާ އޮޅުވާލުން ނޫންކަމެއްނެތް. ތިޔަ އިތުރުވުމެއް އިތުރުވީ އެއްވެސް މުއައްޒަފެއްގެ މުސާރަ އިތުރުވެގެނެއްނޫން. އެކްޓިވިސްޓުންނަށް ވަޒީފާ ދީގެން މުއައްޒަފުން އިތުރުކޮށްގެން. މުއައްޒަފުން އިތުރުކުރި ވަރަކަށް މުސާރައަށް ކުރާ ޚަރަދު އިތުރުވާނެ. އޮޅުވާލަން ފާޑުފާޑުގެ ސްޓެޓިސްޓިކް ހަދާގެން ނެރެނީ މުއައްޒަފެއްގެ އެވްރެޖްމުސާރަ 15000ލިބެނީ ކިތަށް މީހުނަށްތަ؟ ގިނަ މުއައްޒަފުންނަކީ10000ރުފިޔާވެސް ނުލިބޭ މީހުން.

  5. އަލީ

    ޕޮލިޓިކަލް މަގާމުތަކުގެ މުސާރައަށް ޙަރަދުވީ ކިހާވަރެއް ކަން ހާމުނުކުރެއްވީ ކީއްވެތޯ؟