އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ހުވަދު އަތޮޅުގެ ރަށެއްގެ ފެނަކަ މުވައްޒަފުންނަށް ބިރުދެއްކި ދެ މައްސަލައެއް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ޗެއާޕާސަން ކަމުގެ މަގާމަށް އިންތިހާބުގައި ވާދަ ކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ތަރުޖަމާނުކަން ކުރައްވަމުން ގެންދަވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ހުވަދޫ ރަށެއްގެ ފެނަކައިގެ މުއައްޒަފުންނަށް ބިރުދެއްކި ދެ މައްސަލައެއް އިންތިގެ ޓީމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ވައްޑެ ވިދާޅުވީ އެމްޑީޕީގެ ފަރާތުން ވެސް އަދި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުން ވެސް މި މައްސަލަތައް ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރަށްރަށަށް ވަޑައިންނަވާތީ، ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މުއައްޒަފުން ރަސްމީ ހެދުމުގައި އިސްތިގްބާލަށް އަދި ޖަލްސާއަށް ނުކުތުމަށް ލައުޑުން ގޮވަމުންދާ ކަމަށް ވެސް ތުހުމަތުކުރެއްވެވި އެވެ. އަދި ވިދާޅުވީ އިންތިހާބަށް ފޫޒު ފޯރުވުމަށް ކުރާ އެކަހަލަ ކަންކަން ބަލައިނުގަންނަ ކަމަށެވެ.

"ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ ވެރިފައިޑް އެކައުންޓުން މި އިންތިހާބާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑީޔާ އެކްޓިވިސްޓް ލޫކަސް ޖަލީލަށް ރޯ އަވަގުރާނަ ގޮވައި ޓްވީޓްކޮށްފައި އެވަނީ. މީގެ ކުރިން ރައީސް އޮފީހުގެ އެކައުންޓުން އެވަނީ ފައްޔާޒް އިސްމާއީލަށް ތާއީދުކޮށް ކެންޕެއިން ޓްވީޓެއް. މިއީ މިއިންތިހާބުގެ ތެރެއަށް އެކި ނުފޫޒު ވަދެފައި ހުރި މިންވަރު." ވައްޑޭ ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ މެންބަރަކަށް ކުޑަވެސް ގޯނާއެއް ކޮށްފިނަމަ، އެކަމެއްގައި ތެދުވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ. އަދި އެ މައްސަލަތައް އެމްޑީޕީގެ ކަމާއިބެހޭ ކޮމިޓީތަކަށް އަދި އެހެންވެސް ކަމާއިބެހޭ މުއައްސަސާތަކަށް ހުށަހާޅާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މެއި މަހު 14 ވަނަ ދުވަހުއެވެ. ކެމްޕޭނުގައި ވާދަކުރާ ދެ ކެޑިޑޭޓުން މެދުގައި ވަރަށް ހޫނު ބަހުގެ ހަމަލާތައް ދަނީ ދެމުންނެވެ.