އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ބޭރުކުރަން އެއްވެސް ބޭފުޅަކު ނޫޅުއްވާ ކަމަށާއި ތޮއްޑޫ ދާއިރާގެ މެންބަރު ޝިޔާން އުޅުއްވަނީ މާބޮޑަށް އެނގިގަނެގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާއިއެކުގައި އެމްޑީޕީގެ އެތެރެ ވަނީ ކެކިގަންފައެވެ. ސަރުކާރުގެ ތާއީދާއިއެކު އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ޗެއާޕާސަން ކަމަށް ވާދަކުރައްވާއިރު ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަކީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު ވާދަކުރައްވާ ބޭފުޅެކެވެ.

އެއާއެކު އެންމެ ބޮޑު ޕާޓީ ވަނީ ދެކަފިވެފައެވެ. ރޮޒޭނާއަކީ ރައީސް ސޯލިހްގެ ފެކްޝަނުން އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރައްވާ ބޭފުޅާއެވެ. ކަން މިހެން އޮއްވާ ރޭ "ސަންގު ޓީވީ"ގައި ވާހަކަދައްކަވަމުން ރައީސް ސޯލިހްގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރު ޝިޔާން ވަނީ ރޮޒޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން މެންބަރު ރޮޒޭނާ އަކީ ވަރަށް ބޮޑަށް ރައީސް ނަޝީދާއި ދެކޮޅުވެރިވާ ފަރާތެއް ކަމަށާއި އޭނާ އުޅުއްވަނީ އެމަނިކުފާނާއި ޒާތީ ގޮތުން ޖައްސަލައިގެން ކަމަށް ޝިޔާން ވަނީ ވިދާޅުވެފައެވެ. އަދި ޒާތީ ހަސަދައިގެ ސަބަބުން ޕާޓީގެ ރައީސް ކަމުގައި ނަޝީދު ހުންނަވަން ރޮޒޭނާ ބޭނުންފުޅު ނުވާ ކަމަށާއި ސަރުކާރު ފަޅީގައި އެހުންނެވީ އެސަބަބަށްޓަކައި ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.

ޝިޔާންގެ ވާހަކަތަކާއި ގުޅިގެން "ވަގުތު" އާއި ވާހަކަދައްކަވަމުން ރޮޒޭނާ ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ގެނައުމަށް ހުދު އޭނާ ވެސް ތާއީދު ކުރައްވާ ވޯޓު ދެއްވި ކަމަށެވެ. އަދި 2023 ކާމިޔާބު ކުރުމަށް ނަޝީދު ހިމެނޭހެން ޕާޓީގެ އެންމެހާ ލީޑަރުންގެ ހިއްސާ ވެސް މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަނޑައެޅިގެން ދޮގެއް. އަޅުގަނޑު މިއުޅެނީ މި ޕާޓީގެ އަންހެނުން ކުރިއަރުވާ، މި ޕާޓީގެ ތެރެއިން އަންހެން ލީޑަރުން އުފެއްދުމަށް. އަދި މުޅި ރާއްޖޭގެ އެކި ރަށްރަށުގައި ތިބި މި ޕާޓީގެ އަންހެންނުން، ޕާޓީގެ ލީޑާޝިޕާއި ގުޅިގެން ބާރުވެރި ކުރުވަން." އެއްވެސް ބޭފުޅަކު ބޭރުކުރަން ނޫޅުއްވާކަން ހާމަކުރައްވާ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ރައީސް ނަޝީދުގެ ހިއްސާ ވެސް ބޮޑު ކަމަށާއި އެއްވެސް މީހަކު ބޭރު ކޮށްގެން ޕާޓީއަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ރައީސާއި އެއްވެސް ޒާތީ ކަމެއް ނޯންނާނެ ކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.

"އެއްވެސް މީހަކު މި ޕާޓީން ބޭރުކޮށްގެން ވާނެ ފައިދާއެއް ނެތް. އަޅުގަނޑު ޝިޔާން އަށް ދަންނަވާލަން އޮތީ، ތިބޭފުޅާ މާބޮޑަށް އެނގިގަނެގެން ނޫޅުއްވާށޭ" ޝިޔާންގެ ވާހަކަތައް ދޮގު ކުރައްވަމުން ރޮޒޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮގުބާ

    ކަލެއަށް މާބޮޑަށް އެގެނީ ރޮ

    10
    5
  2. ޢަލީ

    މީކަނޑައެޅިގެން ދޮގެއް ރޮޒޭގެ ފިރި ސޮރު ނާޝިޒު ކިނބިދޫ ދާއިރާގެ ރައްޔިތުންކައިރީ ބުނިކަމަށްވަނީ ނަޝީދު ސައިޒުކޮށް ބާރުކނޑުވާލާނެކަމަށް...އަހާބަލަބަ ނާޝިޒުކުރެން މިހެން ނުބުނަންތޯ

    10
    1
  3. ާައަހުމަދު

    މީގެ ކުރިން ކިޔަމުން އައީ ރައީސް ނަޝީދު ބޭރު ކުރާނަމޭ، މިހާރު ކިހިނެއްވީ ރާގު ބަދަލުވީ.

    4
    1
  4. Anonymous

    ށިޔާނަށް ނޭނގޭ ސަބަބަކީ ކޮބާތޯ މަޖިލިހުގައި ސުވާލު އުފައްދާ.

  5. Anonymous

    މި ރ އާދަނަށް އެނގެނީތޯ މަާބޮޑަށް. މީނާ އަށް މި އެނގޭ ސަބަބު މަޖިލިހުގައި ސުވާލު އުފައްދާ.