ރޯދަ މަހަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލުން މާލޭގައި ބާއްވަން ގަސްތު ކުރާ ނައިޓް މާކެޓް ފަށާނީ މި މަހުގެ 28 ވަނަ ދުވަހުގައި ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.

މާލެ އާއި ހުޅުމާލޭގައިވެސް ދާދި ފަހަކުން ނައިޓްމާކެޓް ބާއްވާފައި ވެއެވެ. އަދި މި ނައިޓްމާކެޓްތަކުގައި ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ބައިވެރިވިއެވެ. ފަހުން ނައިޓް މާކެޓްތައް ހުއްޓާލީ މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުންނެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، މާލެ ސިޓީ ކައުންސިލްގެ ސިޓީ ނައިޓް މާކެޓްގެ ކޯ-އޯގަނައިޒަރ އަކަށްވުމަށް ހުށަހެޅި ޕްރޮޕޯސަލް ތަކުގެ ތެރެއިން ހޮވިފައިވަނީ މައި ފިއުޗަރ ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

އަދި މޭޒު ވިއްކުން މާދަމާ ހެނދުނު 10:00 ގައި ،ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގެ ގޯތި ތެރޭގައި ކުރިއަށްދާނެ ކަމަށް މައުލޫމާތު ދީފައި ވެއެވެ.

އޭގެ އިތުރުން އަންނަ ހޯމަ ދުވަހުން ފެށިގެން މި ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މި ނައިޓް މާކެޓް ކުރިއަށްގެންދަނީ އުސްފަސްގަނޑު ސަރަހައްދުގައެވެ. މި ނައިޓް މާކެޓް 10 ދުވަހަށް ކުރިއަށް ދާނެ އެވެ.