ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި އެއް ކަމަކާ ގުޅޭ ގޮތުން ދެގޮތަށް ވާހަކަދެއްކެވި މައްސަލަ އިތުރުށް ބަލައި ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާހެއް ނުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި ދެ ގޮތަށް ވާހަކަ ދައްކަވާތީވެ އެ ދެ މިނިސްޓަރުންގެ ތެރެއިން ކޮންމެެވެސް އެއް މިނިސްޓަރަކު ދޮގު ހައްދަވަމުންދާ ކަމަށް ކުރެވިފައިވާ ތުހުމަތުތައް ބެލުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތާއިދުކުރެއްވާ ހުށަހެޅުއްވި މި މައްސަލައިގެ ބަހުސްގައި މިއަދު އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ މި މައްސަލައާ އެއްކޮޅަށް ވާހަކަދައްކަވާފައެވެ.

މިގޮތުން މިއީ ބެލެން ޖެހޭނެ މައްސަލައެއް ކަމަށާއި މި މައްސަލަ ނުބަލާން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް މައްސަލައިގެ ބަހުސްގައި ބައިވެރިވި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ބަހުސް ނިންމައި ކޮމިޓީއަށް ފޮނުވަން ވޯޓު ނެގުމުން އެކަމަށް ތާއިދު ކުރެއްވީ އެންމެ ނުވަ މެމްބަރުންނެވެ. ނުފެންނަކަަމަށް 13 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ފުލުހުންގެ ނިޒާމްގެ ތެރޭގައި ހުންނަ "ލޫޕްހޯލްސް" ނުވަތަ ބާގަނޑުތައް ހޯދައިގެން ގަސްދުގައި ބައެއް ފުލުހުން ގޯސް ހަދާ ކަަމަށް ވިދާޅުވެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ފުރަތަމަ ފެންމަތިކުރެއްވީ ބަންޑާރަ ނައިބު ރިއްފަތެވެ.

ނަމަވެސް އެ ވާހަކަތައް މިނިސްޓަރު އިމްރާން މަޖިލީހުގައި ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށެވެ. އެ މައްސަލަ ހޫނުވެފައިވާ އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކޮންމެވެސް އެއް ވަޒީރަކު ދޮގު ހައްދަވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އާދަމް ޝަރީފް ވެސް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ބަންޑާރަ ނައިބު ނުވަތަ ހޯމް މިނިސްޓަރު ދޮގު ހައްދަވައިފައިވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އެހެންކަމުން ކޮންމެވެސް އެއް ބޭފުޅަކު ގާނޫނުއަސާސީ ގެ 98 ވަނަ މާއްދާއާ ހިލާފުވެފައިވާތީ އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާައަހުމަދު

    ފާހެއް ނުވާނެނު، މިފަހަރު މަޖިލީހަށް ހޮވިފަ އެބަތިބި ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މެންބަރުންވެސް.

  2. ކާފަބޭ2020

    ތިޔަތާއުޅޭނީ އެއްގަލުންފެހިކާރޮނޑުތަކެއްފަދަބައެއް ދުރަށްދާކަމަށްހަދާނެ އެކަމަކުއާޚިރުގަތިބޭނީ ހަމައެއްކޮށް ތިޔަކުޅޭޑުރާމާއަށް ބޯކޮށްސަލާމް

  3. Anonymous

    ރައްޔިތުންގެ ޓެކުސް ފައިސާ ބޭކާރު ކުރާތަނެއް ތީ މިހާރު ތިޔަތަން ބަންދު ކޮށްލުން ރަގަޅުވާނެ !