ފްލެޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ތިންވަނަ ފަހަރަށް ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

އައްމަޓީ މިނިވަންވި މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް, މައްސަލަ ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ. ހައި ކޯޓުން އެ މައްސަލަ ބަލައި ނުގަނެ މިއަދު ބޭރުކޮށްލާފައިވަނީ, އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ.

ކޯޓު އަމުރުތައް އިސްތިއުނާފް ކުރުމަށް 48 ގަޑިއިރުގެ މުހުލަތެއް އޮންނަނީ ދީފައެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން ބުނީ, އައްމާޓީގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާނީ 48 ގަޑިއިރު ހަމަވުމުގެ ކުރިން ކަމަށެވެ. އެގޮތުން ދައުލަތުން 48 ގަޑިއިރު ގުނާފައިވަނީ ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލި ދުވަސް ނުލައެވެ.

އަހުމަދު މޫސާ (އައްމަޓީ)
އަހުމަދު މޫސާ (އައްމަޓީ)

ގާނޫނުގައި ވެސް ބުނަނީ އެ މުއްދަތު ގުނާއިރު ކަން ހިނގި ދުވަހާއި ނިމޭ ދުވަސް ނުގުނާނެ ކަމަށެވެ. އެހެންނަމަވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ, ކަން ހިނގި ދުވަހާއި ނިމޭ ދުވަސް ނުގުނި ނަމަވެސް ގަޑިއިރު ގުނުމުގައި އެފަދަ އުސޫލެއް ނެތް ކަމަށެވެ. އެހެންކަމުން އައްމަޓީގެ މައްސަލަ ބޭރުކޮށްލުމަށް ނިންމީ ކްރިމިނަލް ކޯޓުން އަމުރު ނެރުނުތާ 48 ގަޑިއިރު ވެފައިވާތީ ކަމަށެވެ.

ހައިކޯޓުގެ މި ނިންމުމާއިމެދު ދައުލަތުން ހިތްހަމަ ނުޖެހޭތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން މިހާރު ވަނީ ނިންމާފައެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ހިޔާނާތުގެ މައްސަލަތަކެކެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި އައްމަޓީ ތިންވަނަ ފަހަރަށް ވެސް މިނިވަންކޮށްފައިވަނީ ކްރިމިނަލް ކޯޓުންނެވެ. މީގެ ކުރިން ދެ ފަހަރުވެސް ހައި ކޯޓުން ވަނީ އޭނާ އަލުން ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން ރީނދޫ

    އަނެއްކާވެސް ޕީޖީ ސަމީމް ކޮޅުގޮހޮރަށް ލާރިގަނޑެއް ކަހާލައިފި. ނޫނޭ ހަޔާތްކުޑަ.

  2. މުހައްމަދު

    މީދެން މިގައުމަށް ދިމާވެފައިހުރި މުސީބާތެއް