ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކަލްބްއިން އިންތިޒާމް ކޮށްގެން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ "ލިބޭ، ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ގުރުއާން މުބާރާތުގެ ފައިނަލަށް ހޮވުނު ގަދަ ފަސް ބައިވެރިންގެ ނަންތައް އިއުލާން ކޮށްފިއެވެ.

މި މުބާރާތަކީ، ދައުލަތުގެ މީޑިއާ، ޓީވީއެމް އިން ރަމަޟާން މަހަށް ހާއްސަކޮށް ގެނެސްދެމުންދިޔަ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" މުބާރާތުގެ ކޮންސެޕްޓަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބަލައިގެން ކިއުމާއި، ނުބަލާ ކިއުން އަދި ދިގު ރާގަށް ކިއެވުން ފަދަ ގިނަ ބައިތަކެއް ހިމަނާފައިވެއެވެ.

ދިއްދޫގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި މުބާރާތް ފެށިގެން ގޮސްފައިވަނީ މި މަހުގެ 1 ވަނަ ދުވަހު ޖުމުލަ 20 ބައިވެރިންނާއި އެކުއެވެ. މުބާރާތުގެ ފުރަތަމަ ބުރުން ދެވަނަ ބުރަށް ހޮވުނު ދިހަ ބައިވެރިންނާއިއެކު، ދެވަނަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ 07 އޭޕްރިލް 2022 ވީ ބުރާސްފަތި ދުވަހުގެ ރެއާއި 08 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރެއެވެ.

މި މުބާރާތުގެ ގަދަ ފަސް ބައިވެރިންނަށް ހޮވިފައިވަނީ ދެވަނަ ބުރުގައި އެންމެ މަތިން މާކްސް ހޯދާފައިވާ ބައިވެރިންނެވެ.

މި މުބާރާތުގެ ކޯޑިނޭޓަރު އަލީ ޝިޔާޒް ވިދާޅުވީ މި ފަސް ބައިވެރިންނާއެކު "ލިބޭ، ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ގެ ފައިނަލް ބުރު 15 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުރިޔަށްދާނެ ކަމަށެވެ. އަދި އެރޭ މި މުބާރާތުގެ އެންމެ އަލިގަދަ ތަރިއާއި 5، 4، 3، 2 ވަނަ ހޮވުން ކުރިޔަށް ދާނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

No description available.

ޝިޔާޒް ވިދާޅުވީ، މި މުބާރާތުގައި ވަނަ ވަނައަށް ދާ ފަރާތްތަކަށް އަގުބޮޑެތި އެތައް އިނާމްތަކެއް ހުށަހެޅިފައިވާ ކަމަށެވެ.

"އެންމެ އަލިގަދަ ތަރިއަކަށް ހޮވޭ ބައިވެރިއަކަށް އުމްރާ ދަތުރެއް ދޭ ގޮތަށް މުބާރާތް ފެށީ. އެކަަމަކު މުބާރާތުގެ ފޯރި ގަދަވެ، ދިއްދޫ އާއި ކައިރި ރަށްރަށުން ވަނީ އަޅުގަނޑުމެން ހުށަހަޅާފައިވާ އިނާމަށްވުރެ އަގުބޮޑެތި އިނާމްތައް ވެސް ހުށަހަޅާފައި،" ޝިޔާޒް ވިދާޅުވިއެވެ.

ގަދަ ފަސް ވަނައިގެ އިތުރުން މިދިޔަ ބުރުގައި ވަކިވެގެން ދިޔަ 6، 7، 8 ވަނަ އަށް ވެސް ބޮޑެތި އިނާމްތައް ލިބިފައިވާކަން ޝިޔާޒް ފާހަގަކުރެއްވިއެވެ.

"މުބާރާތް އަސްލު ކުރިޔަށް މި ގެންދެވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު. އެގޮތުން ލިބޭ ފިހާރައިގެ އެހީތެރިކަން ފާހަގަކުރަން. އެ ފިހާރައިގެ ވަރަށް ބޮޑު އެހީއެއް ލިބޭތީ މުބާރާތް މި ކުރިއަށް ގެންދެވެނީ. ފައިސާގެ ވަރަށް ބޮޑު އެހީއެއްދީ ލިބޭ ފިހާރައިން ވަނީ މުބާރާތުގެ ޓައިޓްލް ސްޕޮންސާ ނަގާފައި،" މުބާރާތުގައި ގިނަ އެހީތައް ލިބިފައިވާކަން ފާހަގަކުރަމުން ޝިޔާޒް ވިދާޅުވިއެވެ.

ލިބޭގެ އިތުރުން، ގިނަ ފަރާތްތަކަކުން މި މުބާރާތައް ސްޕޮންސާ ކޮށްފައިވާއިރު، އެ ރަށު ކައުންސިލާއި ދިއްދޫ ފުލުހުންގެ ފަރާތުން ވެސް މުބާރާތުގެ ބައިވެރިންނަށް ހަފްލާތައް ބާއްވައި މުބާރާތް ކުރިޔަށް ގެންދިއުމުގައި އެއްބާރުލުން ދެމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ޝިޔާޒް ވިދާޅުވީ، މި މުބާރާތަކީ ދިއްދޫގެ ރައްޔިތުންގެ ހިތުގައި ޤުރުއާނަ ށްއޮތް ލޯބި އިތުރުކޮށް، ޤުރުއާން ކިއެވުމުގެ ރޫހު އާލާކޮށް އަދި ޤުރުއާން ކިއެވުމުގެ ފަންނުތައް އިތުރުކުރުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ މުބާރާތެއް ކަމަށެވެ.