ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވުމަށް ފަހު ރައީސް ވަނީ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުންނަށް ކޮންސިއުލާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާއި ރާއްޖޭގެ އިގްތިސާދީ އަދި ސަގާފީ މަސްލަހަތުތައް ކުރިއެރުވުމާއި އެ ގައުމުތަކުގައި ރާއްޖެ އަދި ދިވެހިން ތަމްސީލުކުރުމުގައި އޮނަރަރީ ކޮންސުލްސް ތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ.

އަދި ފެންވަރު ރަނގަޅު ތައުލީމަކީ ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީ، އެމީހުންގެ މުސްތަގްބަލަށް ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވަނީ މި ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރްގްރާމުގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން އަންޑަގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމާއި އަދި މިހާރު 2000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން މަތީ ތައުލީމުގެ ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށާއި އަދި 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 20،000 ދަރިވަރުންނަށް ހިލޭ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމް ތައާރަފްކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައި ވަނީ މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ތަކެއް ފަހިކޮށްދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން އާއި ފޮރިން ސަވިސްގެ އިސް އޮފިޝަލުންގެ އިތުރުން ވަރޗުއަލްކޮށް އޮނަރަރީ ކޮންސުލްސް ތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޮނަރަރީ ކޮންސުލްސް ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލަރޝިޕް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުތަކަކީ ޖުމްލަ ހަތް އޮނަރަރީ ކޮންސުލްސް އެއްގެ އެހީތެރިކަމާއެކު ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.