ފުވައްމުލަކު ސިޓީއަށް އުފަން އުމުރުން 31 އަހަރުގެ އާމިނަތު އިރަމް އަކީ އުފަން ވީ އިރު ވެސް ހިތުގެ މައްސަލައެއް ހުރި އަންހެނެކެވެ. އިރަމްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އެމެރިކާ އިން ކުރި އޮޕަރޭޝަނަކަށް ފަހު މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ހުވަދޫ ނިއުސް" ގައި އިރަމް އާއި ހަވާލާދީ ބުނެފައި ވަނީ އިރަމްގެ ހާލު ރަނގަޅު ވާނީ ފުރަމެއާއި ހިތް ބަދަލުކޮށްގެން ކަމަށް ކުރިން ޑޮކްޓަރުން ބުނި ނަމަވެސް އެމެރިކާގެ ހޮސްޕިޓަލަކުން ވަނީ ހިތާއި ފުއްޕާމޭ ބަދަލު ކުރަން ނުޖެހޭނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ހޮސްޕިޓަލުން ކުރި އޮޕަރޭޝަނަށް ފަހު އިރަމްގެ ހާލު މިހާރު ރަނގަޅު ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

އިރަމް އެނޫހަށް ބުނިގޮތުގައި އޭނަގެ ހިތުގައި އިން ދެލޯވަޅުގެ ތެރެއިން ކުޑަ ލޯވަޅު މިހާރުވަނީ ބަންދުކުރެވިފައެވެ. އަދި ހިތުގަހުރި އާޓެރީ އަދި ވެއިންތަކެއް ވަނީ ފުޅާކޮށްފައެވެ. އެމެރިކާ އިން ލަފާދިނީ މިސާޖަރީގެ ނަތީޖާ ލިބެންދެން އެމެރިކާގައި އެއް އަހަރު ދުވަހު މަޑުކުރުމަށެވެ. އެހެންނަމަވެސް ފައިސާގެ ޚަރަދު ބޮޑުކަމުން އެމެރިކާގައި މަޑުކުރެވެން ނެތުމުން އެމެރިކާގެ ޑޮކްޓަރުންނާއި ވާހަކަ ދައްކައިގެން އިންޑިޔާގެ ކެރަލާ ސްޓޭޓް ހުންނަ މެޔޯ ކްލިނިކްގެ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އެއްއަހަރު އިންޑިޔާގައި މަޑުކުރަން ނިންމާފައިވާ ކަމަށް އިރަމް މައުލޫމާތު ދީފައި ވެއެވެ.

އޮޕަރޭޝަނަށް ފަހު މިހާރު އޭނާ އަށް އޮކްސިޖަން މެޝިނާއި ނުލައި އުޅެވެއެވެ.

އިރަމް އިތުރަށް މައުލޫމާތު ދިން ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުންނާއި އެންސްޕާއިން ވެސް އޭނާ އެމެރިކާގައި ކުރި އޮޕަރޭޝަނަށް ފައިސާ ދީފައިވެއެވެ. އޭގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު ވެސް ވަނީ އޭނާ އަށް ފައިސާގެ އެހީތައް ދީފައެވެ. އިރަމް އެމެރިކާގައި ހުރުމަށާއި އޮޕަރޭޝަނަށް ގާތްގަނޑަކަށް މުޅި ޖުމްލަ 80 ހާސް އެމެރިކާ ޑޮލަރު ޚަރަދުވި ކަމަށް "ހުވަދޫ ނިއުސް" ގައި އޭނާ އާއި ހަވާލާދީ ބުނެފައި ވެއެވެ.

އިރަމް އަށް ދިމާވި ސިއްހީ މައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް އައީ "ޕީއެސްއެމް"ގެ ޕްރޮގްރާމެއްގައި އޭނާގެ ހާލަތު ގެނެސްދީ ދެއްކި ވާހަކަތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީހާ

    ވަރަށް އުފާ ވެއްޖެ

    32
  2. ޔޫތު

    ﷲގެ އިރާދަފުޅުން ނޯމަލް ލައިފް އެއް ލިބި ސިއްހަތު ސަލާމަތުން ހުރި ހެޔޮލަފާ ދަރިއެއްވެސް ތި ދެމަފިރިން ފުށުންލިބޭނެ. އިންޝާﷲ.

    44
  3. ކިރަން

    އެމެރިކާގެ ހޮސްޕިޓަލަށް ކިޔާ ނަމެއް ވަރަަށް ބޭނުން. އުއްމީދު ކުރަން ލިބޭނެކަމަށް؟

  4. ހުވަދޫ އަލިބެއްޔާ

    ނަސީބެއްނު އިންޑިއާ ކޮހުންގެ ބަހަށް ފުރަމެ އާއި ހިތް ބަދަލު ނުކުރިކަން.. އިންޑިއާގައި ދިވެހިންކަން އެނގިއްޖެ ނަމަ ބޭސްވެރިކަން ހުއްޓާލާފައި ފެލުން އޮންނަނީ އެއްޗަކަށް..

    10
    2