އެމްޓީޑީސީ ބޯޑުގެ އާންމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އާންމު ހިއްސާދާރުން ތަމްސީލް ކުރާ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަދި ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގާބިލު މީހުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ކަނޑައެޅުމަށް ފަހު މި އަހަރުގެ އަހަރީ އާންމު ޖަލްސާއަށް އެ ނަންތައް ހުށަހަޅައި ވޯޓަށް އަހާނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

ބޯޑު މެމްބަރަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކަކީ 18 އަހަރުން މަތީގެ މީހަކަށް ވުމާއި ކުންފުނީގައި 50 ހިއްސާ އޮތް މީހަކަށްވުމާ ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދެއް އޮތް މީހަކަށް ވުމުގެ އިތުރުން ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރޭން ދެ ކުންފުންޏަށްވުރެ ގިނަ ކުންފުނީގެ ބޯޑް ނުހިމެނޭ މީހެއް ކަމަށް ވުން ކަމަށް އެމްޓީޑީސީން ބުނެއެވެ.

އެމްޓީޑީސީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އާންމު ރައްޔިތުންގެ ބައިވެރިވުން ފަތުރުވެރިކަމުގެ ވިޔަފާރީގައި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް އުފެއްދި ކުންފުންޏެކެވެ.