ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ކެމެރާ ކުރިމަތީގައި ދަގަނޑުބުރިއަކުން އަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ހުކުމް ކުރުން މާދަމައަށް ތާވަލްކޮށްފި އެވެ.

މާދަމާ މެންދުރު 12.30 އަށް ހުކުމު ކުރުމަށް ފޮނަދޫ ކޯޓުގައި ތާވަލްކޮށްފައިވާ މައްސަލަ ބައްލަވަނީ ޖޭއެސްސީގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ ލ.އަތޮޅު އިސް މެޖިސްޓްރޭޓް އަލީ ސަރީފް އެވެ. މިދިޔަ އާދީއްތަ ދުވަހާއި އަންގާރަ ދުވަހު ވެސް ވަނީ މި މައްސަލަ ހުކުމް ކުރުމަށް ތާވަލްކޮށް ކެންސަލްކޮށްފަ އެވެ.

މިހާރު އަމިއްލަ ވިޔަފާރީގައި އުޅުއްވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ދައުވާ އުފުލާފައިވާ ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް ފޮނަދޫ ކޯޓުން ދެ ފަހަރަށް އޭނާ ދޫކޮށްލުމުން ހައިކޯޓުގެ އަމުރަށެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ މަސްއޫދަށް ހަމަލާދިން މީހާގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ. މި ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން އަހުމަދު ސަމީމްގެ މައްޗައް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޯގަސްޓް ތިން ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫ އަމީނީމަގުން އެރޭ ގާތްގަނޑަކަށް 21.15 އެހާކަންހާއިރު މަސްއޫދު އަނބިކަބަލުން ގޮވައިގެން ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި އަހުމަދު ސަމީމް އައިސް މަސްއޫދު ދުއްވަން އިން ސައިކަލާ ހަމަކޮށް ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތުހުމަތު ކުރަނީ އަހުމަދު ސަމީމްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއުމިން

    ސަދޫމް ފަޑިޔާރު ތި ސޮރު ދޫކޮއްލުމާއި ބޮޑައް ގާތީ. ތި މައްސަލާގެ ހުކުމްގައި އަނިޔާ ލިބުނި މަސްއޫދު ކުއްވެރި ނުވިއްޔާ ވެސް ރަގަޅު.

  2. އުސްމާން

    ތި މައްސަލައަކީ ވަރަށް ސާފް މައްސަލައެއް މިހާ ދުވަހު ހުކުމް ނުކޮށް އޮތީމަ ދެރައީ. ތިއީ ކެމެރާ ކުރިމަތީ ކޮއްފަ އޮތް ކަމެއްނު. ތި ސާބިތު ނުވިއްޔާ ދެން ސާބިތު ވާނެ މައްސަލައެއް ނެތް.